އައްޑޫ ސިޓީ ދަމަނަވެށިން ގެއްލުނު އެ އިދާރާގެ ތައްގަނޑު ފަޅުރަށަކުން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ތައްގަނޑު ފެނިފައިވަނީ ގދ. ކުރިކޭމާހުއްޓާ ނަމަކަށް ކިޔާ ފަޅުރަށަކުން ކަމަށެވެ. މި ފަޅު ރަށުން އެ ތައްގަނޑު ފެނިފައިވަނީ މިމަހު ހަތަރެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ކަމަށެވެ.
ދަމަނަވެށިން ވެކްސިން ދިންކަން އަންގައިދިނުމަށް ފަހު ޖަހާ މި ތައްގަނޑު އައްޑޫ ސިޓީ ދަމަނަވެށިން ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ ޑިސެމްބަރު 26 ގައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި ތައްގަނޑު ގެއްލިފައިވަނީ 24 ޑިސެމްބަރުގައި ކަމަށް އެކި ނޫސްތަކުގައި އައްޑޫ ސިޓީ ދަމަނަވެއްޓާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
އައްޑޫ ދަމަނަވެށިން ތައްގަޑު ގެއްލުނު މައްސަލަ ފެންމަތިވީ އެ ސިޓީގައި ވެކްސިން ނުޖަހާ ކުދިން ސްކޫލަށް ވައްދާ ކަމަށް ބުނެ ވާހަކަ ދެކެވެމުން ދަނިކޮށެވެ. އިއްޔެ ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްލަދަލުވުމުގައި މިކަމާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އައްޑޫގައި ނޫނަސް ވެކްސިން ނުޖަހާ ކުދިން ވައްދާ އަމިއްލަ ފަރާތްތަކުގެ ސުކޫލުތައް އެބަހުރި ކަމަށެވެ. އަދި ވެކްސިން ނުޖަހާ ކުދިން ސުކޫލަށް ވައްދާނަމަ ކަނޑައަޅާފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.