މ. މުލަކު ވަޑާންގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 4:57 ހާއިރު ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމުން ފުލުހުން އެސަރަހައްދަށް ގޮސް ވެއްޓިފައި އޮތް މީހާ މުލަކު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އަދި އެމީހާ ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ ވެއްޓިފައި އޮތްތާ ކައިރީ ކަރަންޓު ކީސް ޖައްސާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާގެ ވާތްފަރާތު މޭމަތިން ގާތްގަނޑަކަށް ނުވަ އިންޗިހާތަން ވަރަށް ފުންކޮށް ކަނޑައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.