ރިތިކް ރޯޝަން އަދި އަކްޝޭ ކުމާރު މިދުވަސްވަރު ތިބީ ކެރިއަރުގެ އެންމެ އުހުގައެވެ. މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ރިތިކް ކުޅެފައިވާއިރު އެންމެ ބޮޑު އާމްދަނީއެއް ހޯދީ އަކްޝޭއެވެ. މިއަހަރުވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމުތަކެއް މި ދެތަރިންގެ އެބަހުއްޓެވެ.
ރިތިކް އާއި އަކްޝޭ ފުރަތަމަ ފަހަރަށް އެކުގައި ފިލްމެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ފިލްމުފެއާގައި ދާދި ފަހުން ވަނީ ރިޕޯޓު ކޮށްފަ އެވެ. ދެތަރިންނަށްވެސް ހުށަހަޅާފައިވަނީ "މިތޮލޮޖިކަލް" ޑްރާމާއެއްގެ މުހިންމު ރޯލުކަމަށާއި ފިލްމުވެސް ވެގެންދާނީ ވަރަށް ބޮޑު ޕްރޮޖެކްޓަކަށް ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
މި ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
ރިތިކް އެންމެ އަވަހަށް ފެނިގެންދާނީ ފަރާ ޚާންގެ "ސައްތޭ ޕޭ ސައްތާ" ގެ ރީމޭކުންނެވެ. މި ފިލްމަށް އަދި ބަތަލާއެއް ނަގާފައެއް ނުވެއެވެ.
އަކްޝޭގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި "ލަކްސްމީ ބޮމް"، "ބެލް ބޮޓޮމް"، "ސޫރްޔަވަންޝީ" އަދި "ބައްޗަން ޕާންޑޭ" ހިމެނެއެވެ.