ބާސެލޯނާގެ ކޯޗުކަމުން އާނެސްޓޯ ވަލްވާޑޭ ވަކިކޮށްފައިވާކަން އޭނާއަށް އެކްލަބުން އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
ބާސާގެ ކޯޗުގެ މަގާމަށް އެކްލަބުގެ ލެޖެންޑް ޒަވީ ގެންނަން އުޅޭ ކަމަށް ވާހަކަތައް ދެކެވެމުންދާ އިރު، ބާސާގެ ކޯޗުކަމުގެ މަގާމުން ވަލްވާޑޭ ދުރުކޮށްފައިވާކަން އޭނާއަށް މިހާރު އަންގާފައިވާ ކަމަށް ސްޕެއިންގެ ބައެއް ނޫސްތަކުން ބުނެއެވެ.
ބާސާގެ ކޯޗުކަމުން ވަލްވާޑޭ ދުރުކުރަން އުޅޭ ކަމަށް ވާހަކަތައް ދެކެވެން ފެށީ ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-2ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުއެވެ. އޭގެ އިތުރުން މިސީޒަނުގައި ބާސާގެ ބައެއް މެޗުތަކުގައި ވަލްވާޑޭއަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެދެވިފައެއް ނުވެއެވެ.
ބާސާގެ ކޯޗުކަމުން ވަލްވާޑޭ ވަކިކުރުމަށްފަހު އެ މަގާމަށް ގެންނަން އުޅޭ ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ބާސާގެ ލެޖެންޑް ޒަވީގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ އާއި ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކުއިކޭ ސެޓިއެންއެވެ.
ބާސާގެ ކޯޗުކަމާ ވަލްވާޑޭ ހަވާލުވީ 2017ގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ކުރިން ބާސާގެ ކޯޗުކަމުގެ މަގާމުގައި ހުރީ މިހާރު ސްޕެއިންގެ ކޯޗުކަމުގެ މަގާމުގައި ހުރި ލުއިސް އެންރީކޭއެވެ. ވަލްވާޑޭ ވަނީ ބާސާއަށް ފާއިތުވެދިޔަ ދެ ސީޒަނުގެ ސްޕެނިޝް ލަލީގާ އާއި ކޮޕާ ޑެލްރޭގެ ތައްޓެއް އަދި 2018ގެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވަލްވާޑޭއަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއަށް ކާމިޔާބީއެއް ހޯދައިދެވިފައެއް ނުވެއެވެ.