ބިދޭސީއެއް އަތުން ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހަކާއި ބިދޭސީއެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބިދޭސީއަކާއި ދިވެއްސެކެވެ. މި މައްސަލައިގައި ހައްޔަރު ކުރި 26 އަހަރުގެ ދިވެހި މީހާއަކީ ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމުގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރު ކުރި ބިދޭސީއަކީ 28 އހަަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ އިއްޔެ 18:45 ހާއިރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކުރީ ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފައިސާ އާއި އޭނާގެ ވޯކް ޕާމިޓް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ފުލުސް މީހާ މިހާރު ހުރީ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.