ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

އާނިފާ ހުސެއިން ސިރާޖް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މިއަދު އައްޔަންކޮށްފައި ވަނީ ސ.ހުޅުދޫ، ރަތްވިލާގެ، އަލްއުސްތާޒާ ރައުފާ ހައިދަރު އެވެ.

ޑީޖޭއޭ އިން ބުނީ ރައުފާ އެ މަގާމަށް އައްޔަންކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ އަށް ވަނަ ނަންބަރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށެވެ.

ރައުފާ އެންމެ ފުރަތަމަ ސުޕްރީމް ކޯޓާ ގުޅިވަޑައިގެންނެވީ 19 އޮކްޓޯބަރ 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމަށެވެ. އެއަށްފަހު 06 ނޮވެމްބަރ 2019 ގައި ލީގަލް މަގާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ.

އޭގެ އިތުރުން ރައުފާ ވަނީ މީގެ ކުރިންވެސް ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު 08 އެޕްރީލް 2013 އިން 7 މެއި 2014 އަށް އަދާކޮށްފައެވެ.