ޝަހީދާ އަބްދުﷲ ސައީދު
ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲގެ މައްޗަށް އުފުލި ޓެރަރިޒަމްގެ މައްސަލައިގައި އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.
އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް ސްޕްރީމް ކޯޓަށް، ދައުލަތުން ހުށަހެޅި މައްސަލައިގެ އަޑު އެހުމުގައި އިމްރާންގެ ފަރާތުން 12 ކަމެއް ފާހަގަކޮށްފައިވެއެވެ.
މިއަދު މެންދުރުފަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފް އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. އެހެންކަމުން ދެން އޮންނާނީ ހުކުމް އިއްވުމެވެ.
1 މެއި 2015 ގައި މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން އުފައްދަން ހިތްވަރުދެއްވައި ވާހަކަދެއްކެވި މައްސަލައިގައި އިމްރާންގެ މައްޗަށް 16 ފެބްރުއަރީ 2016 ގައި ކުރިމިނަލް ކޯޓުން ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އިމްރާންގެ ޖަލު ހުކުމުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ.