ރައްޔިތުންގެ މަޖިލިސް

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

ބިޝާމްގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދެވެ.

މިއަދު މަޖިލީހަށް ވެއްދި އެ މައްސަލައިގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގަ އާއި ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމަށާއި ބައެއްގެ ނުފޫޒުގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

އެގޮތަށް ކަންތައް އޮތްއިރު އެކަމާ ތައާރުޒުވާ ކަންތައްތައް ބިޝާމް ކުރައްވާފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަދި އެކަންތައްތައް ފާހަގަކޮށް ފަސް ކަމެއް ވަނީ އޭނާ ހުށަހެޅި މައްސަލައިގައި ހިމަނާފައެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ފާހަގަކުރައްވައިފައި ވަނީ ފުލުހުންގެ އިދާރާއިން އެދޭ ކޮންމެ ކަމެއް ބުނާގޮތަކަށް ކުރާ އުސޫލުން މަސައްކަތް ކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ޝަރީއަތް ހިންގަމުން ދިޔައިރު އެ މަސައްކަތް ހުއްޓުވުމަށް ވެސް ބާރުއަޅާފައި ނުވާ ކަމަށް އޭނާގެ މައްސަލައިގައ ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައިގަައި ބުނެފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަމަލުތައް އެގޮތަށް ހުރުމުގެ ސަބަބުން އެކި މައްސަލަތަކުގައި އެއްވެސް އަދަބެއް ލިބެން ނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު ކަމަށެވެ.

ޕީޖީގެ މަގާމުން މުހުތާޒް މުހުސިން ދުރުކުރުމަށްފަހު، އެ މަގާމަށް ބިސާމް އައްޔަންކުރީ 2015ގެ ނޮވެމްބަރު 24ގައެވެ. ބިޝާމަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮސިކިއުޓާ ޖެނެރަލެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ބިޝާމްއަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.