ބޮލީވުޑް ބަތަލާ އައިޝްވަރިޔާ ރާއީ އަކީ މަންމަ ކަމަށް 32އަހަރުގެ ފިރިހެނަކު ބުނަން ފަށައިފި އެވެ.
ސަންގީތު ކުމާރު ކިޔާ މި ފިރިހެން މީހާ 2018ގައި ރިކޯޑްކޮށްފައިވާ ވީޑިއޯ އެއް މީސް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ވީޑިއޯގައި އޭނާ ބުނަނީ އައިޝްވަރިޔާ އޭނާ ވިހެއީ 1988ގައި ލަންޑަނުގައި ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އައިޝްވަރިޔާގެ މައިންބަފައިން ވަނީ ސަންގީތުކުމާރު ދެއަހަރު ވަންދެން ބަލާފައެވެ. ސަންގީތުކުމާރުގެ ބައްޕަ އަކީ ވިދިވެލު ރެޑީ ނަމަކަށް ކިޔާ މީހެއް ކަމަށާއި އައިޝްވަރިޔާ ސަންގީތު ކުމާރަށް ބަލިވެ އިނީ އައިވީއެފް މެދުވެރިކޮށްކަމަށް މި ވީޑިއޯގައި ބުނެއެވެ. އައިޝްވަރިޔާ ސަންގީތު ކުމާރު ވިހެއީ އުމުރުން 15އަހަރުގައި ކަމަށާއި ތިމާގެ މީހުން ވަނީ އޭނާ އުފަންވި ކަމުގެ ރެކޯޑުތައް ނައްތާލާފައި ކަމަށް ވެސް ވީޑިއޯގައި ތުހުމަތުކުރެއެވެ.
ސަންގީތު ދާދި ފަހުން އާވީޑިއޯއެއް ޕޯސްޓުކޮށްފައި ވާއިރު މި ފަހަރުގެ ވީޑިއޯގައި އެދިފައިވަނީ މަންމަ ގާތަށް މުމްބާއީއަށް ބަދަލުވާން ބޭނުންވާ ކަމަށެވެ.
މިތުހުމަތުތަކަށް މިހާތަނަށް އައި އިރު އައިޝްވަރިޔާގެ ފަރާތުންވެސް އަދި އެއާއިލާގެ މީހެއްގެ ފަރާތުންވެސް ބަހެއް ވަނީ މީޑިއާއަށް ލިބޭ ގޮތް ނުވެފައެވެ.
އައިޝްވަރިޔާ އުޅެނީ ބޮލީވުޑްގެ މެގަސްޓާ، އަމީތާބް ބަޗަންގެ ދަރިފުޅު، އަބީޝެކް ބަޗަންއާ ކައިވެނިކޮށްގެންނެވެ. 2007ގައި ކުރި އެކައިވެންޏަށް އަންހެންދަރިޔަކުވެސް ވަނީ ލިބިފައެވެ.
ފިލްމުތަކަށް ބަލާއިރު އައިޝްވަރިޔާ އެންމެ އަވަހަށް ދެން ފެނިގެންދާނީ މަނީ ރަތުނަމްގެ ތަމަޅަ ފިލްމު "ޕޮނިއްޔިން ސެލްވަން" އިންނެވެ. މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވަނީ ދުވަސްކޮޅެއް ކުރިން ރިލީސްކޮށްފައެވެ.