މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕް، އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމައިފިއެވެ.
މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. ކްލަބު މޯލްޑިވްސް ކަޕާއެކު އަންހެނުންނަށް ހާއްސަ 18/30 ފުޓްސަލް ފިއެސްޓާ ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއީ ކްލަބު މޯލްޑިވްސް ބާއްވާ 15 ވަނަ ފަހަރެވެ. އަދި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ ބާއްވާ ނުވަވަނަ ފަހަރެވެ. ކްލަބު މޯލްޑިވްސް އަދި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާއަކީ އޮފީސް/ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
މިދިޔަ އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލުގައި ކްލަބު ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލްއެވެ. އަދި މިދިޔަ އަހަރުގެ ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިސް ކްލަބު ބަލިކޮށް، އެމްޕީއެލް އިން ވަނީ ތަށި ދިފާއުކޮށްފައެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކްލަބު މޯލްޑިވްސް ކަޕްގައި 32 ޓީމު ވާދަކުރާނެއެވެ. އަދި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އަށް ޓީމު ވާދަކުރާނެއެވެ.