ޕީއެސްްއެމްގެ ނިއުސްރޫމުގެ ވީޑިއޯތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެ އެމައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްގެ ނިއުސްރޫމުގެ ސިސްޓަމެއްގައި ހުރި ވީޑިއޯ ތަކެއް ގެއްލިފައިވާކަން ފާހަގަވެފައި އިއްޔެ ނުވަތަ ރޭގެ ވަގުތެއްގަ އެވެ.
މި ކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ނިއުސްރޫމުގެ ސިސްޓަމެއްގައި ހުރި ވީޑިއޯތަކެއްގެ މައްސަލަ ބަލަން އެތަނަށް ފުލުހުން ވަދެގެން އުޅޭ ކަމަށެވެ.
"ގެއްލުނީ ކަމެއް، ޑިލީޓްވީ ކަމެއް އެހެން ބުނާކަށް ނޭނގެ. އެކަމަކު ވީޑިއޯ ތަކެއްގެ މައްސަލަ އުޅެނީ." "ވަން އޮންލައިން" އަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.
ޕީއެސްއެމްގެ ވީޑިއޯ ތަކެއް ގެއްލުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެގެން ފުލުހުން ޕީއެސްއެމް އަށް ވަދެފައިވާ އިރު، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމް މިއަދު ވަނީ ޕީއެސްއެމްގެ އެމްޑީ ޚަލީލް އާއި ޑެޕިއުޓީ އެމްޑީ އިކްރާމް އިސްވެ ތިބެ އެތަނުގެ ވީޑިއޯ ތަކެއް ޑިލީޓްކުރި ކަމުގެ ތުހުމަތުކޮށްފަ އެވެ.