ބޮލީވުޑް

ސަލްމާންގެ އާ ޕްރޮޖެކްޓް "ކަބީ އީދް ކަބީ ދިވާލީ" އިއުލާނުކޮށްފި

ސުޕާ ސްޓާ ސަލްމާން ޚާން އޭނާގެ އާ ޕްރޮޖެކްޓް އިއުލާންކޮށް ފޭނުންނަށް ސަޕްރައިޒެއް ދީފިއެވެ.

ސަލްމާން އޭނާގެ އާ ޕްރޮޖެކްޓް އިއުލާނުކޮށްފައި ވަނީ އިއްޔެ އެވެ.

މިވަގުތު ފިލްމު "ރާދޭ- ދަ ވޯންޓަޑް ބައި" ގެ މަސައްކަތް ކުރަމުން އަންނަ ސަލްމާން އިއުލާންކުރި އާ ޕްރޮޖެކްޓަކީ އަންނަ އަހަރުގެ އީދަށް ރިލީސްކުރާ ފިލްމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ސަލްމާނަކީ ކޮންމެ އަހަރަކު އީދާ ދިމާކޮށް ފިލްމެއް ރިލީސްކުރާ ތަރިއެކެވެ. މިއަހަރު އީދުގައި ރިލީސްކުރުމަށް ހަމަޖައްސާފައިވަނީ "ރާދޭ" އެވެ.

ޓުވިޓަރުގައި ކުރި ޕޯސްޓެއްގައި ސަލްމާން ބުނީ އޭނާ ދެން ފެނިގެން ދާނެ ފިލްމަކީ "ކަބީ އީދު ކަބީ ދިވާލީ" ކަމަށެވެ. މި ފިލްމު އަންނަ އީދުގައި ރިލީސް ކުރުމަށް ހަމަޖައްސާފައި ވާއިރު ފިލްމު ޑައިރެކްޓް ކުރަނީ ފަރްހާދް ސަމްޖީ ކަމަށް ވެސް ވަނީ ބުނެފައެވެ. މި ފިލްމުގެ ވާހަކަ އަދި ޕްރޮޑިއުސަރަކީ ސާޖިދު ނަޑިޑްވާލާ ކަމަށްވެސް ސަލްމާންގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ފިލްމުފެއާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކަބީ އީދު ކަބީ ދިވާލީ އިން ސަލްމާން އާއެކު ފެނިގެންދާނީ ކްރިތީ ސާނޮންއެވެ.

ފިލްމާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ފިލްމުފެއާގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ފިލްމުގެ ޕްލޮޓާ ބެހޭ މާބޮޑު މައުލޫމާތެއް ލިބިފައި ނުވިނަމަވެސް މުޅިން އަލަށް ސަލްމާން އަދި ކްރިތީ އެކުގައި ފެނުން އެކަނިވެސް ފިލްމަށް ހައިޕް ލިބިގެންދާ ކަމަށެވެ.

ކްރިތީ އެންމެ ފަހުން ފެނިފައިވަނީ އަކްޝޭ ކުމާރުގެ ފިލްމު "ހައުސްފުލް 4" އަދި ކާތިކް އާރްޔަންއާއެކު "ލުކާ ޗުޕީ" އިންނެވެ. ސަލްމާން އެންމެ ފަހުން ރިލީސްކުރި ފިލްމު "ޑަބަންގް 3" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ.