މުޅިން އާ ދިވެހި ސީރީޒެއް އުފެއްދުމަށް "ޔޫއްފެ ޕްރޮޑަކްޝަން" އާއެކު ދިރާގުން ސޮއިކޮށްފިއެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔޫއްޕެ ޕްރޮޑަކްޝަނުގެ މި ސީރީޒަކީ ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީން އާންމުންނަށް ފެންނާނެ ސީރީޒެއް ކަމަށެވެ. މިއަހަރު ތެރޭ އާންމުންނަށް މި ސީރީޒް ފެންނާނެ ކަމަށް ދިރާގުން ބުނެއެވެ. ޔޫއްޕެ ޕްރޮޑަކްޝަނަކީ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އަމިއްލަ ފިލްމު ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައި ވަނީ 2004 ވަނަ އަހަރު އެވެ.
ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑަކީ ބޭނުން ގަޑިއެއްގައި، ބޭނުން ތަނެއްގައި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބަލައިލުމުގެ ފުރުސަތު ލިބޭ ޒަމާނީ ޕްލްޓްފޯމެކެވެ. ދިރާގުގެ މި ހާއްސަ ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލްޓްފޯމެކެވެ.
ދިރާގުން ވަނީ ކުރިއަށް އޮތްތާގައިވެސް ދިވެހި އުފެއްދުންތަކަށް ފުރުސަތު ފަހިކޮށްދީ، ދިވެހި ފިލްމީ އުފެއްދުން ކުރިއެރުވުމަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ދިވެހި ފިލްމީ ދާއިރާ ޑިޖިޓަލް ހިދުމަތްތަކާއެކު ކުރިއެރުވުމަށް މަގުފަހިކޮށް، އެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިޔުން ކަމަށް ދިރާގުން ބުނެއެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެންމެ ފުރަތަމަ އައިޓީޕީވީގެ ހިދުމަތް ދޭން ފަށާފައި ވަނީ ދިރާގުންނެވެ. ރާއްޖޭގެ އާބާދީގެ %72 އަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދެމުން ކަމަށް ދިރާގުން ބުނެ އެވެ.