ބޮލީވުޑް

ލަކްޝްމީގެ ވަކީލަށް ކްރެޑިޓް ނުދީ ޗަޕާކް ނުދެއްކޭނެ ކަމަށް ކޯޓުން އަމުރުކޮށްފި

ޗަޕާކް އިއްޔެ ރިލީސްކޮށްފައި ވާއިރު މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވީ ނަމަވެސް، ނުރުހުމާއި ދަތިތަކާވެސް ދަނީ ކުރިމަތިވަމުންނެވެ.

އެގޮތުން ރޭ، ޓެމިލްރޮކާސް ވެބްސައިޓުން ފިލްމު ލީކުކޮށްލާފައިވާއިރު މިއަދު ދިއްލީގެ ހައިކޯޓުން މިވަނީ މިމަހު 15ގެ ފަހުން ފިލްމު ދެއްކުން މަނާކޮށްފައެވެ.

ކޯޓުގެ މި އަމުރަކީ ލަކްޝްމީ އަގަރްވާލު އެސިޑް ހަމަލާގެ ޝިކާރައަކަށްވި އިރު އޭނާގެ މައްސަލައިގައި ވަކާލާތު ކޮށްދިން ލޯޔަރު، އަޕަރްނާ ބަޓްއަށް ފިލްމުގައި ކްރެޑިޓް ދީފައި ނުވާތީ ކޮށްފައިވާ އަމުރެކެވެ.

ޗަޕާކް އަކީ އެސިޑްގެ ހަމަލާގެ ޝިކާރައަށްވި ލަކްޝްމީގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ލަކްޝްމީ ގެ ރޯލު ކުޅެފައިވަނީ ދީޕިކާ ޕަޑުކޯން އެވެ.

ދިއްލީ ހައިކޯޓުގެ ޖަޖް ޕްރަތިބާ ސިންގް ނެރުނު އަމުރުގައި ވަނީ މިމަހު 15ގެ ފަހުން އެއްވެސް ތިއޭޓަރެއްގައާއި ލައިވް ސްޓްރީމް އެޕެއްގައި ވެސް މި ފިލްމު ނުދެއްކޭނެ ކަމަށާއި ޖެނުއަރީ 17ގެ ފަހުން އެހެން އެއްވެސް ޕްލެޓްފޯމެއްގައި ވެސް ފިލްމު ދެއްކުން މަނާވާނެ ކަމަށެވެ.

މިމައްސަލައާގުޅިގެން ފޮކްސް ސްޓޫޑިއޯއިންނާއި ފިލްމުގެ ޑައިރެކްޓަރުގެ ފަރާތުން ކޯޓުގައި ވަނީ ވަކާލާތު ކޮށްފައެވެ. ފިލްމުގެ ފަރާތުން ވަކާލާތު ކުރި ވަކީލުން ބުނީ އަޕަރްނާއަށް ފިލްމުގައި އެއްވެސް ލީގަލް ރައިޓެއް ނެތް ކަމަށެވެ. އެއީ ފިލްމު ހެދުމުގައި އަޕަރްނާގެ އެއްވެސް ކޮންސަލްޓޭޝަނެއް ވެސް އެއްވެސް ޑޮކިއުމެންޓޭޝަނެއްގެ ގޮތުގައިވެސް ނުވަތަ އެހެންވެސް އެއްވެސް ގޮތަކުން ފިލްމަށް އޭނާގެ ފަރާތުން ކޮންޓްރިބިއުޝަނެއް ލިބިފައި ނުވާކަމަށެވެ.

ފިލްމާ ދެކޮޅަށް ވަކާލާތު ކުރަމުން އަޕަރްނާގެ ވަކީލު ބުނީ ފިލްމުގައި އަޕަރްނާގެ ނަން ފާހަގަކުރަން ޖެހެނީ ކޮންމެހެން އޭނާ ފިލްމަށް ކޮންޓްރިބިއުޓް ކުރުމުން ނޫން ކަމަށައި އެއީ އެއަށްވުރެ މާބޮޑު ކަމެއް ކަމަށެވެ. އަދި ފިލްމު ހެދި އިރު ހިލޭ ސާބަހަށް ފިލްމުގެ މަސައްކަތުގައި އެހީވުމަށް އަޕަރްނާ އެދުނު ނަމަވެސް އޭނާއަށް އެފުރުސަތު ދީފައި ނުވާ ކަމަށް ވެސް ވަކީލު ބުންޏެވެ.

ދިއްލީ ކޯޓުގެ ނޯޓިސްގައި އަޕަރްނާއަށް ފިލްމުގައި ކްރެޑިޓް ދިނުމަށް ފަހު މެނުވީ ދެން ފިލްމު ނުދެއްކޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަޕަރްނާގެ ވަކީލު އެދިފައި ވަނީ ފިލްމުގެ ކްރެޑިޓް ނަންތައް އަރާ ބަޔަށް އޭނާގެ ނަން ލުމަށެވެ.