އިރާއި ހަނދު ކޭތަ ހިފައި، އިރާއި ހަނދު އެއްތަން ކުރެވި، އޭގެ ހިނގުން ހުއްޓޭ ދުވަހެއް އަންނާނެ ކަމަށާއި އެދުވަހުން ފިލަން ދާނެ ތަނެއް ނޯންނާނެ ކަމަށް ކޭތަ ނަމާދު ހުތުބާގައި ބުނެފިއެވެ.
މިރޭ ހިފި ހަނދުކޭތައާ ގުޅިގެން ކުރި ކޭތަ ނަމާދުގެ ހުތުބާގައި ބުނެފައިވަނީ ދުނިޔެ މައްޗަށް އަލިކުރަން ހުރި ހަނދުގެ ނޫރު ނެތި ދިޔަ ފަދައިން، އިންސާނުންގެ ހަށިތައް ވެސް ނެތި ފަނާވެ ހިނގައިދާނެ ކަމަށެވެ.
"ތިޔަބައިމީހުންނަށް ފެންނަން އެހެރަ ހަނދު، ކޭތަ ހިފި ފަދައިން އިރާއި ހަނދު ކޭތަ ހިފައި، އިރާއި ހަނދު އެއްތަން ކުރެވި، އޭގެ ހިނގުން ހުއްޓޭ ދުވަހެއް އަންނާނެއެވެ. އެދުވަހުން އިންސާނާ ގޮވާ ބުނާނެތެވެ. މި ބިރުވެރިކަމުން ރެކި، ސަލާމަތްވެ، ފިލާން ދާނީ ކޮންތާކަށް ބާވައެވެ؟ އެދުވަހުން އިންސާނާއަށް ޖަވާބު ލިބޭ ހުއްޓެވެ. ތިޔަހެން ރައްކާތެރިވެ ފިލާން ދާނެ ތަނެއް އަދަކު ނެތެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އެ ދުވަހަކުން ތިބާ ގޮސް ގަރާރުވެ ހަމަޖެހޭނެ ތަނަކީ، ހައްދަވައި ބޮޑުކުރެއްވި ﷲގެ ހަޒުރަތަށް ކަމަށާއި ތިބާ ކުޅަހައި ކަމަކާއި، ނުކޮށް ދޫކުޅަހައި ކަމެއްގެ މައްޗަށް އެދުވަހުން އެކަލާނގެ ހަޒުރަތުން ޖަޒާދެއްވާނެ ކަމަށެވެ. ކޭތަ ހިފުމަކީ މި އެންމެހައި ކަންތައް، މި ހެއްލުންތެރި އިންސާނާއަށް ހަނދާންކޮށްދެއްވުމަށްޓަކައި ގުދުރަތުން ރާއްވަވާފައިވާ ރޭއްވެވުމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"އެއަކީ އެވެނި ކަމެއް ނުވަތަ މިވެނި ކަމެއް ހިނގަން އުޅޭކަމުގެ ނިޝާނެއް ނުވަތަ އަލާމާތެއްގެ ގޮތުން ހިނގާ ކަމެއް ނޫނެވެ. އެވެނި މީހާގެ މަރަށްޓަކައި ނުވަތަ ދިރިހުރުމަށްޓަކައި ހިނގާ ކަމެއް ވެސް ނޫނެވެ. އިސްލާމްދީނަކީ ކޮންމެ ހިނދެއްގައި ވެސް، ކޮންމެ ކަމެއްގައި ވެސް ﷲގެ ކުޅަދުންވަންތަކަމުން ރާއްވަވާފައިވާ ގުދުރަތީ ކަންތައްތައް ގަބޫލުކުރާ ދީނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނުފައިވަނީ އިސްލާމްދީނަކީ މާނައެއް، އަސްލެއް ނެތް ފުލޯކު ވާހަކަތަކާއި، ގޮތްތަކުން ދުރުހެލިވެ، ރައްކާތެރިވުމަށް ގޮވާލާ ދީން ކަމަށާއި ދުނިޔެއާއި، ދުނިޔޭގެ ކަންތައް ހިނގާ ގޮތުގެ ތެރެއިން އިބުރަތް ލިބިގަތުމުގެ ދީން ކަމަށެވެ. އެހެންކަމުން އިރު ހަނދު އަރައި އޮއްސުމާއި، އިރު ހަނދުގައި ކޭތަ ހިފުމާއި، މި އެންމެހައި ކަންކަން، އިސްލާމްދީނުގައި ވަނީ ގުދުރަތުގެ ކަންތައްތައް ހިނގާ ހަމައިގެ މަތީން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.