ބޮލީވުޑް

ރިލީސްކުރުމާއެކު ފިލްމު ''ޗަޕާކް'' ވެސް ލީކު ކޮށްލައިފި

ދީޕިކާ ޕަޑުކޯންގެ ފިލްމު ޗަޕާކްއަކީ ފުރަތަމަ ދުވަހުން ފެށިގެން ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރު ކުރަމުން ދިޔަ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޕްރޮމޯޓް ކުރުމަށް ފިލްމުގެ ޓީމުގެ ފަރާތުން ވެސް ގިނަ މަސައްކަތް ތަކެއް ވަނީ ކޮށްފައެވެ.

އިއްޔެ ފިލްމު ރިލީސްކޮށްފައިވާއިރު ދީޕިކާގެ އެކްޓިންއަށް މީސްމީޑިއާގައި ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ނަމަވެސް ރޭގައި ފިލްމު މިވަނީ "ޕައިރަސީ"ގެ ޝިކާރައަކަށް ވެގެން ގޮސްފައެވެ.

ފިލްމު ލީކު ކޮށްލާފައި މިވަނީ އާންމުކޮށް ފިލްމުތައް ލީކުކުރާ ވެބްސައިޓް ކަމަށްވާ ޓެމިލްރޮކާސުންނެވެ. އެ ވެބްސައިޓުން އަންނަނީ އަލަށް ރިލީސްކުރާ ގިނަ ފިލްމުތަކެއް ލީކު ކުރަމުންނެވެ. އޭގެ ތެރޭގައި "މަރްޖާވާން"، "ޑްރީމް ގާލް"، "ބާރަތް"، "ކަބީރު ސިންގް"، "އެވެންޖާސް އެންޑް ގޭމް" އަދި "މެންއިންބްލެކް އިންޓަނޭޝިނަލް" ހިމެނެއެވެ.

ޗަޕާކްއަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޒްމީ އަގަރްވާލުގެ ދިރިއުޅުމުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ އެފިލްމުގައި ދީޕިކާގެ އިތުރުން ވިކްރާންތް މަސޭ މުހިންމު ރޯލުން ފެނިގެންދެއެވެ.