ކުޅުދުއްފުށި ސިޓީގެ ހަ ދާއިރާ އިއުލާންކޮށް، ސިޓީ ކައުންސިލުގައި އަންހެނުންނަށް ހާއްސަކުރާ ދެ ދާއިރާ ކަނޑައަޅައިފިއެވެ.
ކުޅުދުއްފުށީގެ ހަ ދާއިރާ އިއުލާންކޮށް، އަންހެނުންނަށް ހާއްސަކުރާ ދެ ދާއިރާ ކަނޑައެޅުމަށް ގުރުނަގާފައިވަނީ އެ ސިޓީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުޅުދުއްފުށި ބަހާލާފައިވާ ހަ ދާއިރާއަކީ ކުޅުދުއްފުށި އުތުރު ދާއިރާ، ހުޅަނގު އުތުރު، މެދު އުތުރު ދާއިރާ، މެދު ދެކުނު ދާއިރާ، ހުޅަނގު ދެކުނު ދާއިރާ އަދި އިރު ދެކުނު ދާއިރާއެވެ. ގުރުއަތުން އަންހެނުންނަށް ހާއްސަކުރި ދެ ދާއިރާއަކީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާއެވެ. އެ ދާއިރާތައް ބެހޭ ގޮތް ވެސް އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކުރަމް މިރޭ ވަނީ އިއުލާންކޮށްދެއްވައިފައެވެ.
ކުޅުދުއްފުށީގެ ރައްޔިތުން މޭޔަރު ހޮވުމަށާއި، ހަ ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓު ދޭން ޖެހޭނެއެވެ. އޭގެ އިތުރުން ކުޅުދުއްފުށި ހިމެނޭ އިދާރީ ދާއިރާ، ހދ. އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވެސް އެ ސިޓީގެ ރައްޔިތުން ވޯޓު ދޭން ޖެހޭނެއެވެ.
އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި ވެސް ކުޅުދުއްފުށީގެ ރައްޔިތުން ވޯޓު ދޭން ޖެހޭނީ އީސީން ކަނޑައެޅި ހަ ދާއިރާއަށެވެ. އެ އިންތިހާބު ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއެކު އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
އެގޮތުން މާލެ ސިޓީގެ ޖުމްލަ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައިވާ އިރު، އައްޑޫގެ ޖުމްލަ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވަނީ ހަތަރު ދާއިރާއެކެވެ. އަދި ފުވައްމުލަކުގެ ޖުމްލަ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ވަނީ އިއުލާންކޮށްފައެވެ.
އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.