ޔުމްނާ މައުމޫން

ކަޅުވަކަރު މިސްކިތް ރޭވުމުގެ ކުރިން ހިރިގަލަށާއި، ވަކަރަށް ފަރުވާދޭންޖެހޭ: ޔުމްނާ

ޝަހީދާ އަބްދުﷲ ސައީދު

މާލޭގައި އެންމެ ދުވަސްވީ ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި، ވަކަރުތަކަށް ފަރުވާ ދޭންޖެހިފައިވާ ކަމަށް ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތުގެ ފޮޓޯތަކާއެކު މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޫޅާލި ކަޅުވަކަރު މިސްކިތުގެ ބައިތައް ހޯދިއްޖެ ކަމަށާއި، މިސްކިތުގެ ބައިތައް ހުރީ ގައުމީ ދާރުލް އާސާރުގެ ތެރޭގައި ކަމަށެވެ.

އަދި އެ މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް ހޯދުމާއި، އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

2016 ވަނަ އަހަރުގެ އޮގަސްޓްމަހު ކަޅުވަކަރު މިސްކިތް ރޫޅާލައިގެން އެތަނުން ނެގީ ގދ. ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވަން ކަމަށް ބުނެއެވެ. ނަމަވެސް މިސްކިތް ތިނަދޫއަށް ގެންގޮސްފައި ނުވާއިރު، މިސްކިތަށް ވީ ގޮތެއް ބެލުމަށް ގިނަ ބަޔަކު ސަރުކާރާ ސުވާލުތައް ކުރިމަތި ކުރުވިއެވެ. ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކަޅުވަކަރު މިސްކިތަކީ ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ.