ހުތުބާ

ޒިނޭ ހަރާމްކުރެއްވުމާއެކު، އެކަމަށް މަގުފަހިވާ ކަންތައްތަކާ ވެސް ދުރުހެލިވުމަށް އަންގަވާފައިވޭ: ހުތުބާ

އިސްލާމްދީނުގައި ޒިނޭ ހަރާމްކުރެއްވުމާއެކު، އެކަމަށް މަގުފަހިވާ ކަންތައްތަކާ ވެސް ދުރުހެލިވުމަށް އަންގަވާފައިވާ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އިންސާނާ ކުރާ ކަންތައްތަކަށް، މާތްﷲ އެކަށީގެންވާ ޖަޒާ ދެއްވާ ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އިންސާނާ ކުރާ ކަންތައްތަކަށް، މާތްﷲ އެކަށީގެންވާ ޖަޒާ ދެއްވައެވެ. މިއީ އިލާހީ ސުންނަތެވެ. މިއަކަށް ބަދަލެއް ނާންނާނެއެވެ. އިސްލާމްދީނުގައި ވަނީ ޒިނޭ ހަރާމްކުރެއްވުމާއެކު، އެކަމަށް މަގުފަހިވާ ކަންތައްތަކާ ވެސް ދުރުހެލިވުމަށް އަންގަވައިފައެވެ. އެހެންކަމުން ނަޒަރު ތިރިކުރުމަށް އެންގެވިއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މީގެ އެތަކެއް ގަރުނެއް ކުރިން ރަސޫލާ ދެއްވި އިރުޝާދުގެ ތެދުކަން މިއަދު މިދަނީ ފެންނަމުން ކަމަށާއި މިގޮތުން ބަލާއިރު ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރިފައިވާ އެންމެ ނުރައްކާތެރި ބައްޔަކީ އެއިޑްސް ބަލި ކަމަށެވެ. އަދި މި ނުރައްކާތެރި ބަލި އެންމެ މަދު ގައުމުތަކަކީ އިސްލާމީ ގައުމުތައް ކަމުގައިވީ ނަމަވެސް، މިއަދު މި ނުރައްކާތެރި ބަލި އިސްލާމީ މުޖުތަމައުތަކުގައި ވެސް ބާރަށް ފެތުރެމުންދާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ނުރައްކާތެރި ބަލިތަކުން ސަލާމަތްވެ ތިބުމަށް މިހާ ބޮޑަށް އިސްލާމްދީން ބާރު އަޅުއްވާ އިރު، އެ ދީނުގެ އުސޫލުތަކަށް އަޅުގަނޑުމެން ތަބާ ނުވަނީ ފަހެ ކީއްވެތޯއެވެ؟ މިއަދު އެންމެން ވެސް ބުނަމުން މިދަނީ އެއިޑްސް ބަލީން ސަލާމަތްވެވޭން އޮތީ އެންމެ ހައްލެއް ކަމަށެވެ. އެއީ ހުއްދަ ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާ ދުރުހެލިވުމާއި، ހުއްދަނޫން އެހެނިހެން ކަންކަމުން އެއްކިބާވުމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މިއަދު ވިޔަފާރިކުރުމުގައި ވެސް އިސްލާމީ މުޖުތަމައުގެ ތެރެއިން ބަޔަކު ދަނީ އިސްލާމީ އުސޫލުތަކާ ހިލާފުވަމުން ކަމަށާއި އެކަމުގެ ނޭދަވޭ އަސަރުވެސް މުޖުތަމައަށް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ތަދުމަޑުކަމާއި، ދިރިއުޅުމުގެ ދަތިކަމާއި، އަނިޔާވެރިންގެ އަނިޔާތަކާ ކުރިމަތިވުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.