ސްޕނިޝް ސުޕަ ކަޕް

ބާސާ ކަޓައިފި، ސުޕަ ކަޕްގެ ފައިނަލުގައި މެޑްރިޑްގެ ދެ ވާދަވެރިން

އެންމެ ފަހުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ބާސެލޯނާ ބަލިކޮށް، އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްގެންދާ އެ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ބާސާ އަތުން އެތުލެޓިކޯ މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މިހާރު ބާސާއަށް ކުޅެމުން އަންނަ ކުރީގެ އެތުލެޓިކޯގެ ފޯވަޑް އެންޓޮއިން ގްރީޒްމަން އާއި އެތުލެޓިކޯގެ ހެކްޓާ ހެރޭރާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ގްރީޒްމަން ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލަން މަތަކުރި އިރު، ހިލޭ ޖެހުމަކުން ހެކްޓާ ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު ނޭޓޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްގެ ތެރޭ އެތުލެޓިކޯ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަންހެލް ކޮރޭއާ ދިން ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮކޭއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ގޯލުގެ ތިރީ ކަނަކަށެވެ.

އެތުލެޓިކޯ އިން ލީޑު ހޯދިތާ ފަސް މިނެޓު ފަހުން ބާސާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ލުއިސް ސުއަރޭޒް ދިން ބޯޅައަކުން ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ބާސާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ. ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކުރިން އެތުލެޓިކޯގެ ފޯވަޑް ލައިނުން ފެނިގެންދިޔަ ފްރާންސް ފޯވަޑް ގްރީޒްމަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސުއަރޭޒް ފޮނުވާލި ހަމަލާއެއް އޮބްލަކް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.

މެޗުގެ 81 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެތުލެޓިކޯއަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ވިޓޯލޯއަށް ބާސާގެ ކީޕަރު ނޭޓޯ ކުރި ފައުލަކާ ގުޅިގެންނެވެ. އެތުލެޓިކޯއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.

އެތުލެޓިކޯ އިން ފައިނަލުގެ ޖާގަ ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މޮރާޓާ ދިން ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮރޭއާއެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ ސުޕަ ކަޕްގެ ފައިނަލުގައި ވާދަކުރާނީ މެޑްރިޑްގެ ދެ ވާދަވެރިންނެވެ. ރެއާލް މެޑްރިޑުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި އެންމެ ފަހުގެ ކޮޕާ ޑެލްރޭގެ ޗެމްޕިއަން ވެލެންސިއާ ބަލިކޮށްގެންނެވެ.

މިސީޒަނުގައި ސްޕެނިޝް ސުޕަ ކަޕް ކުރިއަށްގެންދަނީ ފޯމެޓަށް ބަދަލު ގެނެސްގެންނެވެ. ކުރިން ދެ ޓީމު ވާދަކުރި އެ މުބާރާތް މިފަހަރު ކުރިއަށްގެންދަނީ ހަތަރު ޓީމާއެކުއެވެ. އެއީ މިދިޔަ ސީޒަނުގެ ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަކުރި ދެ ޓީމުގެ އިތުރުން މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަނުންނާއި ރަނަރަޕުންނެވެ. ލަލީގާގެ ޗެމްޕިއަނުންނާއި ރަނަރަޕުން ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަކޮށްފިނަމަ، އެ ފުރުސަތު ލިބޭނީ ދެން ޖެހިގެން ލީގު ނިންމާލި ޓީމަށެވެ.

ވެލެންސިއާ އިން ކޮޕާ ޑެލްރޭގެ ޗެމްޕިއަނުންގެ ގޮތުގައި ވާދަކުރާ އިރު، ބާސެލޯނާއަކީ ލަލީގާގެ ޗެމްޕިއަން އަދި ކޮޕާ ޑެލްރޭގެ ރަނަރަޕުންނެވެ. އެތުލެޓިކޯ މެޑްރިޑް ވާދަކުރަނީ ލަލީގާގެ ރަނަރަޕުންގެ ގޮތުގައެވެ. އަދި ލަލީގާގެ ތިންވަނައިގައި ނިންމާލި ރެއާލަށް ފުރުސަތު ލިބިފައިވަނީ ލަލީގާގެ ޗެމްޕިއަން ބާސާއަށް ކޮޕާ ޑެލްރޭގެ ރަނަރަޕުންގެ ގޮތުގައި ފުރުސަތު ލިބިފައިވާތީއެވެ. ހަތަރު ޓީމު ވާދަކުރާތީ މިފަހަރު ސްޕެނިޝް ސުޕަ ކަޕް ފެށީ ސެމީ ފައިނަލުންނެވެ.