ޖުމްހޫރީ ޕާޓީ

ޖޭޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ފެބްރުއަރީ ފަހަކާ ހަމައަށް، ޕްރައިމަރީ އެމަހު 12ގައި

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނަމުގައި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބުކުރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ ފަހަކާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމައި، ޖޭޕީން ވަނީ އެޕާޓީގެ ޓިކެޓް ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބުކުރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހުޅުވާލައިފައެވެ.

ޖޭޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޖޭޕީގެ ޓިކެޓް ހޯދުމަށް ބޭނުންވާ އެޕާޓީގެ މެންބަރުން އެމީހަކު ކުރިމަތިލާން ބޭނުންވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގަނޑު 20:20 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޖޭޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީން ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ޖޭޕީން ވާދަކުރަން ނިންމިއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ވެސް ވަނީ ހުރިހާ ގޮނޑިތަކަށް ކުރިމަތިލުމަށް ނިންމައި، އެޕާޓީތަކުގެ ޓިކެޓު ހޯދުމަށް ހުޅުވާލައިފައެވެ.