އަހްމަދު އަދީބު އަބްދުލްގަފޫރު

އޮޕަރޭޝަނަށްފަހު އަދީބު ކޮޓަރިއަށް ބަދަލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އޮޕަރޭޝަން ކުރުމަށްފަހު ކޮޓަރިއަށް ބަދަލުކޮށްފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބުގެ އޮޕަރޭޝަނަކީ ކިޑްނީގައި އުފެދިފައިވާ ހިލަތައް ނެގުން ކަމަށާއި، މިއަދު އޮޕަރޭޝަންގައި ނައްތާލަން މަސައްކަތްކޮށްފައި ވަނީ އަދީބުގެ ވާތް ފަރާތު ކިޑްނީގައި އިން ހިލަ ކޮޅެއް ކަމަށެވެ. އޭގެ އިތުރުން ކަނާތް ފަރާތު ކިޑްނީގައި ވެސް ދެ ހިލަކޮޅު އިން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުންޏެވެ.

ނަޝްވާ ވިދާޅުވީ އަދީބު ބޭނުންފުޅު ވަނީ ރާއްޖެއިން ލިބެންހުރި ސިއްހީ ފަރުވާ ހޯދުން ކަމަށް ނަޝްވާގެ ޓުވީޓުގައި ވެއެވެ. އަދި ތަހުގީގަށް އެއްބާރުލުން ދެއްވުމަށްފަހު ނޫނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވެސް އަނބިކަނބަލުން ނަޝްވާ ވިދާޅުވިއެވެ.

ތަފާތު ކުށްތަކުގައި 33 އަހަރަށް ޖަލަށް ލާފައިވާ އަދީބަށް ސިއްހީ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އިރު، ގައުމުން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް އާއިލާއިން މީގެކުރިން ވަނީ ކަމާބެހޭ މުއައްސަސާތަކުގައި އެދިފައެވެ.