ސްޕނިޝް ސުޕަ ކަޕް

ވެލެންސިއާ ބަލިކޮށް، ރެއާލް ސުޕަ ކަޕްގެ ފައިނަލަށް

ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ވެލެންސިއާ ބަލިކޮށް، ރެއާލް މެޑްރިޑުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްގެންދާ އެ މުބާރާތުގެ ސެމީގައި ރޭ ރެއާލުން ވެލެންސިއާގެ މައްޗަށް ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެ ލަނޑަކީ ރެއާލްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ކާމިޔާބުކޮށްދިން ރީތި ލަނޑެކެވެ. ރެއާލަށް ލިބުނު ކޯނަރު، ހުރަސްކުރުމުގެ ބަދަލުގައި ކްރޫސް ފޮނުވާލީ ގޯލުގެ ތެރެއަށެވެ. އޭރު ކޯނަރު ހުރަސްކުރާނެ ކަމަށް ބަލައި، ވެލެންސިއާގެ ކީޕަރު ޖައުމޭ ޑޮމިނެކް ވެސް ހުރީ ކުރިއަށް ނުކުމެއެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު އިސްކޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާއެއް ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ރެއާލަށް ތިން ލަނޑުގެ ލީޑެއް ހޯދުމުގެ ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ރެއާލްގެ ބޮސްނިއާ ފޯވަޑް ލޫކާ ޖޮވިޗް ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރު ޖައުމޭއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ރެއާލުން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޖޮވިޗް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ.

ހަމަލާތަކަކަށްފަހު ވެލެންސިއާއަށް ލަނޑެއް ކާމިޔާބުކުރެވުނީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. ވެލެންސިއާއަށް އެ ޕެނަލްޓީ ލިބުނީ ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް، ބޯޅައިގައި އަތްލުމުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު)ގެ އެހީތެރިކަމާއެކު ލިބުނު ޕެނަލްޓީ ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ ޑެނީ ޕަރޭހޯއެވެ.

މިސީޒަނުގައި ސްޕެނިޝް ސުޕަ ކަޕް ކުރިއަށްގެންދަނީ ފޯމެޓަށް ބަދަލު ގެނެސްގެންނެވެ. ކުރިން ދެ ޓީމު ވާދަކުރި އެ މުބާރާތް މިފަހަރު ކުރިއަށްގެންދަނީ ހަތަރު ޓީމާއެކުއެވެ. އެއީ މިދިޔަ ސީޒަނުގެ ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަކުރި ދެ ޓީމުގެ އިތުރުން މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަނުންނާއި ރަނަރަޕުންނެވެ. ލަލީގާގެ ޗެމްޕިއަނުންނާއި ރަނަރަޕުން ކޮޕާ ޑެލްރޭގެ ފައިނަލުގައި ވާދަކޮށްފިނަމަ، އެ ފުރުސަތު ލިބޭނީ ދެން ޖެހިގެން ލީގު ނިންމާލި ޓީމަށެވެ.

ވެލެންސިއާ އިން ކޮޕާ ޑެލްރޭގެ ޗެމްޕިއަނުންގެ ގޮތުގައި ވާދަކުރާއިރު، ބާސެލޯނާއަކީ ލަލީގާގެ ޗެމްޕިއަން އަދި ކޮޕާ ޑެލްރޭގެ ރަނަރަޕުންނެވެ. އެތުލެޓިކޯ މެޑްރިޑް ވާދަކުރަނީ ލަލީގާގެ ރަނަރަޕުންގެ ގޮތުގައެވެ. އަދި ލަލީގާގެ ތިންވަނައިގައި ނިންމާލި ރެއާލަށް ފުރުސަތު ލިބިފައިވަނީ ލަލީގާގެ ޗެމްޕިއަން ބާސާއަށް ކޮޕާ ޑެލްރޭގެ ރަނަރަޕުންގެ ގޮތުގައި ފުރުސަތު ލިބިފައިވާތީއެވެ.

ހަތަރު ޓީމު ވާދަކުރާތީ މިފަހަރު ސްޕެނިޝް ސުޕަ ކަޕް ކުޅޭނީ ސެމީ ފައިނަލުން ފެށިގެންނެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ބާސާ އާއި އެތުލެޓިކޯއެވެ. ރާއްޖެ ގަޑިން މިރޭ 12:00ގައި ކުޅޭ އެ މެޗުން މޮޅުވާ ޓީމަކަށް މިމަހުގެ 18 ވަނަ ދުވަހު ކުޅޭ ފައިނަލު މެޗުގައި ރެއާލްއާ ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.