ބޮލީވުޑް

ކުޅުނު އިސްތިހާރެއްގެ ސަބަބުން އަކްޝޭގެ މައްސަލައެއް ފުލުހަށް

މިދިޔަ އަހަރަކީ ބޮލީވުޑް ތަރި އަކްޝޭ ކުމާރަށް ވަރަށް ކާމިޔާބު އަހަރެކެވެ. ރިލީސްކުރި ހުރިހާ ފިލްމެއް ބޮކްސް އޮފީހުގައި ހިޓަކަށްވުމާއެކު އަކްޝޭއަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބުނު ބަދަލެވެ.

ނަމަވެސް މިފަަހަރު އަކްޝޭއަށް މިއޮތީ ގާނޫނީ މައްސަލައަކާ ކުރިމަތިވެފައެވެ. އޭނާ މިފަހުން ކުޅުނު އިސްތިހާރެއްގައި އިންޑިއާގެ "މަރާތާ ވޮރިއާ" އިންނަށް ޖޯކު ޖަހާފައިވާ ކަމަށް ބުނެ މަރާތީ މީހުން ފުލުހަށް އަކްޝޭގެ މައްސަލައެއް މިވަނީ ހުށަހަޅާފައެވެ.

އިސްތިހާރުގެ ފެނިގެންދަނީ އަކްޝޭ ހަނގުރާމައެއް ނިންމާފައި ގެއަށް އަންނައިރު ހެދުންތައް ކިލާވެފައި ހުރުމުން އަންހެނުން އެކަމާ ހިތްހަމަނުޖެހޭތަނެވެ. އަންހެނުން ރުއްސަން މަޖާ ގޮތަކަށް ނަށަމުން އަކްޝޭ ހެދުން ދޮވެއެވެ. އިސްތިހާރަކީ ދޮންނަ ކުނޑީގެ އިސްތިހާރެކެވެ. މި އިސްތިހާރަށް ތަރުހީބު ނުލިބުނީ މަރާތީ ހަނގުރާމަ ވެރިއެއްގެ ގޮތަށް އަކްޝޭ ހުރުމުންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އެކަމާ ގުޅިގެން އަކްޝޭގެ ބަހެއް ލިބެންދެން އެ މައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ.

ފިލްމު ގުޑް ނިއޫޒް ރިލީސްވުމާއެކު އަކްޝޭ ވަނީ އާއިލާއާއެކު ޗުއްޓީއަކަށް ގޮސްފައެވެ. އެހެންކަމުން އަކްޝޭ ޗުއްޓީން އެނބުރި އަންނަންދެން މައްސަލަ މަޑުޖެހިފައިވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ފިލްމު ގުޑް ނިއޫޒް ރިލީސްކޮށްފައިވަނީ މިދިޔަ މަހު ފަހުކޮޅެވެ. ކަރީނާ ކަޕޫރާއި ކިއާރާ އަދްވާނީ އަދި ދިލްޖިތް ދޮސާންޖް ލީޑް ރޯލުން ފެނިގެންދާ އެފިލްމަށް އަދިވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.