ރައްޔިތުންގެ މަޖިލިސް

އިހަވަންދޫ އައިމިނާފާނު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަންޖެހޭ: މުހައްމާ

ޝަހީދާ އަބްދުﷲ ސައީދު

ހއ. އިހަވަންދޫ އައިމިނާފާނު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ބަޖެޓް ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ އިހަވަންދޫގެ ރައްޔިތުން އަތޮޅު ހޮސްޕިޓަލަށް ދިއުމަށް ވަރަށް ބޮޑެތި ތަކުލީފުތައް އުފުލަންޖެހޭ ކަމަށެވެ.

އަދި ހާލު ބޮޑު ބަލި މީހުންނަށް އިތުރު ފަރުވާ ދިނުމަށް އެއަތޮޅު ދިއްދޫގައި ހުރި އަތޮޅު ހޮސްޕިޓަލަށް ދާން ޖެހެނީ ގައްލަންދޫ ކަނޑު ހުރަސްކޮށްގެން ކަމަށާއި، އެއީ ރައްޔިތުންނަށް ވަރަށް ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫ ހޮސްޕިޓަލަށް އިހަވަންދިއްޕޮޅުގެ މީހުން ދާނަމަ އެދެމެދުގައި އޮންނަ ގައްލަންދޫ ކަނޑު ހުރަސްކުރަން ޖެހޭނެއެވެ. ގައްލަންދޫ ކަނޑަަކީ ބޮޑު ކަނޑަކަށް ވާއިރު އެއީ ހުޅަނގު މޫސުމުގައި ވަރަށް ގަދަ ކަނޑެކެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގެ ނަން ''އައިމިނާފާނު ސިއްހީ މަރުކަޒު''ގެ ނަމަށް ބަދަލުކުރެއްވީ 18 އޮގަސްޓް 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އުތީމު މުހައްމަދު ތަކުރުފާނުގެ މަންމާފުޅު އައިމިނާފާނުގެ ނަމަށް ސިއްހީ މަރުކަޒުގެ ނަން ބަދަލުކުރެއްވި އިރު، އާމިނާ ތަކުރުފާނަކީ އުތީމު މުހައްމަދު ތަކުރުފާނާއި، ހަސަން ތަކުރުފާނުގެ މަންމާފުޅެވެ. ބޮޑު ތަކުރުފާނުގެ މަންމާފުޅުގެ ރަށަކީ ހއ. އިހަވަންދޫއެވެ. ބޮޑުތަކުރުފާނާއި ހަސަން ތަކުރުފާނަކީ، އިހަވަންދޫ ކައްޕީނި ތަކުރުފާނުގެ އައިމިނާފާނާއި އުތީމު ކަޅުއަލި ޚަތީބު ތަކުރުފާނުގެ، ހުސައިން ޚަތީބު ތަކުރުފާނު ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

ބައްޕާފުޅަށް އެބަނޑުން ލިބިވަޑައިގެންފައި ވަނީ މުޙަންމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނެވެ. ބޮޑު ތަކުރުފާނާއި އެއްބަފާ އަނެއް ދެބޭފުޅުންނަކީ ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނު، މާރަންދޫ ތޭރަވާ މުދިންކަލޭގެގެ ދަރިކަނބަލަކާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް ޢަލީ ތަކުރުފާނާއި ފާތިމާ ފާނުއެވެ.