ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޖަލުތަތަކާ ގުޅޭ ތަހުގީގަށް ކަރެކްޝަންސް އިން އެދެވޭ އެއްބާރުލުމެއް ނުލިބޭ، ދިނީ ދޮގު މައުލޫމާތު: އެޗްއާރުސީއެމް

ރާއްޖޭގެ ބައެއް ޖަލުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ކޮމިޝަނުން ހިންގަމުންދާ ތަހުގީގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންމެ އެދެވޭ އެއްބާރު ނުލިބޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޖަލުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާގުޅޭ މައުލޫމާތު ސަމާލުކަމަށް އައުމުން އެކަމުގެ ތަހުގީގު ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.

އެގޮތުން މާލެ ޖަލަށާއި މާފުށީ ޖަލަށް ޒިޔާރަތްކޮށް، ތަނުގެ އާންމު ހާލަތު ބަލައި ގައިދީންނާއި ބަންދުކޮށްފައިވާ ފަރާތްތަކާއި ޖަލުގެ އިސްވެރިންނާއި މުވައްޒަފުންގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ބެލިބެލުމުން ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވާ ސަބަބަކީ، ގައިދީންނާއި ބަންދުކޮށްފައިވާ ފަރާތްތަކުން ކަރެކްޝަންސްގައި ތަކުރާރުކޮށް އެދެމުންގެންދާ ޒަރޫރީ ކަންކަން ފުއްދައި ނުދެވޭތީކަން މިހާތަނަށް ލިބިފައިވާ މައުލޫމާތު އެނގޭ ކަމަށް ކޮމިޝަނުންގެ ބަޔާނުގައިވެއެވެ.

އެގޮތުން ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމާއި އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށްނުދެވޭކަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ އިތުރުން މާލޭ ޖަލުގައި މިވަގުތު ތިބި ގިނަ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތަލާކު ކުރާ ކަމާއި މާލޭ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރިކަން ފާހަގަކުރެވުނު ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

"މި މައްސަލަތައް ތަހުގީގުކުރަމުންދާއިރު ކޮމިޝަންގެ ތަހުގީގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެންމެ އެދެވޭ މިންވަރަށް އެއްބާރުލުން ލިބެމުން ނުދާކަމައި، ކޮމިޝަނަށް ސައްހަނޫން މައުލޫމާތު ދީފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.