ސުޕާ ސްޓާ ސަލްމާން ޚާންއަކީ "ދީލަތި" ތަރިއެއްގެ ގޮތުގައި ނަން މަޝްހޫރު ވެފައިވާ ފަރާތެކެވެ. އޭނާގެ ކޯ ސްޓާރުންކުރާ މަސައްކަތް ބަލައިގަންނަކަން ހާމަކުރުމުގެ ގޮތުން އެތަރިންނަށް އާންމުކޮށް ހަދިޔާދީ އެމީހުން އުފާކޮށްދޭ ބަތަލެކެވެ.
ސަލްމާން، އެންމެ ފަހުން ފެނިގެންދިޔަ ފިލްމު ޑަބަންގް ތިނެއްގެ ކޯސްޓާ ކިއްޗާ ސުދީޕާއަށް މިފަހަރު މިވަނީ އެ ނަސީބު ލިބިފައެވެ. މިއީ ސުދީޕާއަށް ސަލްމާނުގެ ފަރާތުން ހަދިޔާއެއް ލިބުނު ދެވަނަ ފަހަރެވެ. ފިލްމުގައި ނުބައި ރޯލުން ފެނިގެންދާ ސުދީޕާއަކީ ސައުތުގެ ތަރިއެކެވެ. ޑަބަންގް ތިނަކީ ބޮލީވުޑްގެ އޭނާގެ ފުރަތަމަ ފިލްމެވެ.
މީގެ ކުރިން ކަޅުކުލައިގެ ޖެކެޓެއް ސަލްމާން ހަދިޔާ ކުރިކަމަށް ސުދީޕާވަނީ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
މިފަހަރު އޭނާއަށް ސަލްމާން ދީފައިވާ ސަޕްރައިޒް ހަދިޔާއަކީ ބީއެމްޑަބްލިޔު އެމް5 ކާރެކެވެ. އެ ކާރު ސުދީޕާއަށް ހަދިޔާކުރީ ސަލްމާން އެގެއަށް ގޮސްފައެވެ. އަދި ކާރު ތެރޭގައި ތިބެގެން ދެ މީހުންވަނީ ފޮޓޯ ވެސް ނަގައިފައެވެ.
އެ ފޮޓޯތައް އިންސްޓަގުރަމްގައި ހިއްސާ ކުރަމުން ސުދީޕާ ބުނި ގޮތުގައި، އެ ކާރަކީ އޭނާއަށާއި އާއިލާއަށް ސަލްމާން ދިން ހަދިޔާއެކެވެ.
ސުދީޕާ، ސަލްމާން، ސޮނާކްޝީ ސިންހާ، ސައީ މަންޖޭކަރު އަދި އަރްބާޒް ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު ޑަބަންގް ތިނެއް ރިލީސްކޮށްފައިވަނީ މިދިޔަ މަހު 20ގައެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ފިލްމުވަނީ ބޮކްސް އޮހީގުގައި ރަނގަޅު ކާމިޔާބީއެއް ހޯދައިފައެވެ.