ޓުއަރިޒަމް

މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިންނާއެކު ރެކޯޑެއް

މުހައްމަދު ޝަހީމް

މިދިޔަ އަހަރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިކަން ފާހަގަކޮށް މިއަދު ޓުއަރިޒަމް މިނިސްޓްރީން ނެރުނު ނޫސްބާޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތާއި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް މިދިޔަ މަހު ރާއްޖެއަށް 171،292 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށާއި އަހަރު ނިމުނު އިރު ޖުމްލަ 1،702،831 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މިއީ 2019 ވަނަ އަހަރަށް ކަނޑައެޅުނު 1.5 މިލިއަންގެ ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. ޓާގެޓް ކުރި އަދަދު މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވި ކަމަށް މިިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް 1.6 މިލިއަން ފަތުރުވެރިން ހަމަވެ، 31 ވަނަ ދުވަހު 1.7 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ނިމިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރުކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ޔޫރަޕްގެ ގައުމުތަކުން 833،904 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ 14.8 އިންސަތައިގެ ކުރިއެރުމެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ 41.4 އިންސައްތައިގެ ހިއްސާއަކާއެކު އޭޝިއާ ޕްސިފިކްގެ ގައުމުތަކުންނެވެ. އެއީ 705،117 ފަތުރުވެރިންނެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 13.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 5 އިންސައްތައިގެ ހިއްސާއާއި 23.3 އިންސައްތައިގެ ކުރިއެރުމަކާއެކު އެމެރިކާ ސަރަހައްދުންނެވެ. އެމެރިކާ ސަރަހައްދުން ޖުމްލަ 84،793 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުން 3.5 އިންސައްތައިގެ ހިއްސާއާއެކު ޖުމްލަ 60،003 ފަތުރުވެރިން އަދި އެފްރިކާ ސަރަހައްދުން 18،698 ފަތުރުވެރިން މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ފަސް މާކެޓަކީ ޗައިނާ، އިންޑިއާ، އިޓަލީ، ޖަރުމަނު އަދި އިނގިރޭސިވިލާތެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިންޑިއާގެ މާކެޓަށެވެ. އެގޮތުން 2018 ވަނަ އަހަރު ނިމުނު އިރު ފަސްވަނައިގައި އޮތް އިންޑިއާ ވަނީ މިދިޔަ އަހަރު ނިމުނުއިރު 83.5 އިންސައްތައިގެ ކުރިއެރުމެއް ހޯދައި 166،015 ފަތުރުވެރިންނާއެކު ދެވަނައަށް އަރާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.