މުހައްމަދު އައުޒަމް
މެންޗެސްޓާ ޔުނައިޓެޑަށް ކޯޗު ކޮށްދިނުމަށްވުރެ ރާއްޖޭގައި ދިރިއުޅެން ވެސް މާ ރަނގަޅުވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ލީގު ކަޕްގައި މިރޭ ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ގާޑިއޯލާ ބުނީ ސިޓީ ދޫކޮށްލުމަށްފަހު ޔުނައިޓެޑާ ހަވާލު ނުވާނެ ކަމަށެވެ. އަދި ކޯޗު ކޮށްދޭން އެހެން ކުލަބެއް ނެތްނަމަ ރާއްޖޭގައި ދިރިއުޅެން ދިޔަސް މާރަނގަޅުވާނެ ކަމަށް ބުންޏެވެ.
ލީގުގައި މިދިޔަ މަހު ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ވަނީ އަމިއްލަ ދަނޑުަގައި 1-2ގެ ނަތީޖާއަކުން ބަލިވެފައެވެ.
މިރޭ ޔުނައިޓެޑްގެ ދަނޑުގައި ލީގު ކަޕްގެ ސެމީ ފައިނަލުގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާއިރު ދެ ޓީމުން ވެސް ވަނީ ވަރުގަދައަށް ތައްޔާރުވެފައެވެ. މިރޭގެ މެޗް ފެށޭނީ ރާއްޖެ ގަޑިން 01:00ގައެވެ.
މެންޗެސްޓާ ސިޓީ އާއި ގުޅުމުގެ ކުރިން ގާޑިއޯލާ ވަނީ ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަންގެ ބަޔާންއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭނާވަނީ ބާސާއަށް ތިން ސްޕެނިޝް ލަލީގާ އާއި ދެ ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ. އޭގެ އިތުރަށް ގާޑިއޯލާވަނީ ބަޔާންއަށް ތިން ފަހަރު ޖަރުމަން ބުންޑަސްލީގާ ވެސް ހޯދައިދީފައެވެ.
ބާސާ އާއި ބަޔާންއަށް އިރުޝާދު ދިމުނަށްފަހު ގާޑިއޯލާ ވަނީ ސިޓީއަށް ފާއިތުވެދިޔަ ދެ ސީޒަންގެ އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް މި ސީޒަންގެ ލީގު ތައްޓާމެދު ކުރާ އުއްމީދުތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.