ލޯކަލް ކައުންސިލް އިންތިޚާބު

ފަޒާދު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެން، ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން ފޯމު ހުށަހަޅައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ ފަޒާދު ފޯމު ހުށަހަޅުއްވައިފިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ފަޒާދު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް ކައުންސިލް އިންތިހާބާ ދިމާކޮށް، ފަޒާދު މިވަނީ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ފުވައްމުލަކު މޭޔަރު ކަމަށް ވާދަކުރައްވަން ފަޒާދު މިހާރު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. ފަޒާދުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރެވެ.

ފަޒާދުގެ އިތުރުން އެހެން ބޭފުޅަކު ވެސް ވަނީ ފުވައްމުލަކު މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓު ހޯއްދަވަން ފޯމު ހުށަހަޅުއްވައިފައެވެ. އެހެންކަމުން އެ ދެ ބޭފުޅުން ޕީޕީއެމްގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރަން ޖެހޭނެއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 13 ވަނަ ދުވަހުގެ 16:00 ގައެވެ. ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޕީޕީއެމުން ވަނީ ނިންމައިފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ ޕީޕީއެމްގެ ޓިކެޓުގައެވެ.