ހދ. ވައިކަރަދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ވައިކަރަދޫއަކީ މީގެކުރިން ފުލުހުންގެ ޚިދުމަތް ދިން ރަށެއް ކަމަށާއި، އެރަށުގައި ހުރި ޕޮލިސް ސްޓޭޝަން ނެގީ މިދިޔަ ކައުންސިލް އިންތިޚާބުގެ ވޯޓާ ގުޅިގެން ސަރުކާރުން ހިތްހަމަނުޖެހިގެން ކަމަށެވެ.
ނާޒިމް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ވައިކަރަދޫއަށް މިހާރުވެސް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށް ވާތީ، ސަރުކާރުން ވީހާވެސް އަވަހަކަށް ޕޮލިސް ސްޓޭޝަނެއް ގާއިމްކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން ވައިކަރަދޫ ގަބުރުސްތާނުގެ ވަށާފާރަކީ މީގެއެތައް އަހަރެއްގެ ކުރިން ރާނާފައިވާ ފާރަކަށްވެފައި، މިފާރު ވަރަށް ބޮޑަށް ބާވެ ވެއްޓެން ކައިރިވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ފާރުވެއްޓި ރައްޔިތަކަށް ގެއްލުންވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަކަށް ވަށާފާރު ރާނައި ދިނުމަށް ވެސް ގޮވާލެއްވިއެވެ.