ހޭންޑްބޯލް

ލ. އަތޮޅުގެ ފުރަތަމަ ހޭންޑްބޯލް އެކަޑަމީއަށް ފުރުސަތު ހުޅުވާލައިފި

ލ. އަތޮޅުގެ ފުރަތަމަ ހޭންޑްބޯލް އެކަޑަމީއަށް ފުރުސަތު ހުޅުވާލައިފިއެވެ.

ލާމު ޔޫތު ޑެވެލޮޕްމަންޓް (ލީޑް) ޖަމިއްޔާގެ ހޭންޑްބޯލް އެކަޑަމީއަކީ އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގާ އެކަޑަމީއެކެވެ.

ލީޑް ހޭންޑްބޯލް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 އަހަރުން ދަށުގެ އަންހެން ކުދިންނަށެވެ. މިމަހުގެ 15ގެ ނިޔަލަށް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އެ ޖަމިއްޔާ އިން ވަނީ ހުޅުވާލައިފައެވެ.

ލީޑް ޖަމިއްޔާގެ ރައީސް މުހައްމަދު އަފްރާހު (އައްޕި) "ވަން"އަށް ވިދާޅުވީ އެކަޑަމީގެ ބޭނުމަކީ ލ. އަތޮޅުގައި ބާރަށް ކުރި އަރަމުން އަންނަ ހޭންޑްބޯޅައިގެ ތަރިންތަކެއް އުފެއްދުން ކަމަށާއި ހާއްސަކޮށް ލ. އަތޮޅުން ގައުމީ ފެންވަރަށް ކުދިން ގެންދިއުމަކީ އެކަޑަމީގެ ބޮޑު އަމާޒެއް ކަމަށެވެ.

"ލީޑް" ޖަމިއްޔާއަކީ ލ. އަތޮޅުގެ ޒުވާނުންގެ ކުރިމަގަށް ހިންގެމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު އަސާސަކީ ޒުވާނުންގެ މުސްތަގުބަލު ބައްޓަންކުރުމުގައި ހެޔޮ ގޮތްތަކެއް ބިނާކޮށް، ޒުވާނުން ބާރުވެރިކުރުވައި، ދެ ޖިންސުގެ ކުޑަކުދިންނަށްވެސް ކުރިއަރަން ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުން ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތުދެއެވެ.

ލީޑްގެ ރައީސް އައްޕި ވިދާޅުވީ ޖަމިއްޔާގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީ 10 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ އިތުރުން، އަތޮޅުގެ ޒުވާނުންގެ ފުދުންތެރިކަން އިތުރުމާއި، އާންމު އިޖުތިމާއީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަކީ ޖަމިއްޔާގެ އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ.

"ލީޑްގެ އަމާޒަކީ ލާމު އަތޮޅުގައި ޒުވާން ލީޑަރުންތަކެއް ބިނާކޮށް، މުޖުތަމައު ބިނާކުރުމުގައި ބަސް އިއްވޭނެ ފަދަ ހަރުދަނާ 'ޒުވާން ފޯސް'އެއް އުފެއްދުން. އޭގެތެރޭގައި ކުޅިވަރު، ތައުލީމު، އިޖުތިމާއީ ދާއިރާގެ އިތުރުން ފަންނީ، އަދި ޒަމާނީ ތަރައްގީއާއި ސިއްހަތާއި އާންމު ދުޅަހެޔޮ ކަމަށް ލޯ ހުޅުވި، ސިޔާސީ ގޮތުންވެސް ބާރުވެރި ޒުވާން ޖީލެއް ބިނާކުރުން،" އޭނާ ވިދާޅުވިއެވެ.

އައްޕި ވިދާޅުވީ ލީޑް ޖަމިއްޔާގެ ތަސައްވަރަކީ ލ. އަތޮޅުގެ ޒުވާނުންނަކީ ގައުމީ ފެންވަރުގައި އަޑު އުފުލާނެ ޒުވާނުންނަށް ހަދައި، ގައުމީ ފެންވަރުގެ ތަރިން ލ. އަތޮޅުގެ ނަން، ގައުމީ ކުލައިގައި ފަވާލުން ކަމަށެވެ.

"ލީޑުގެ ހަރަކާތްތައް މިހާރުވެސް ލ. އަތޮޅުގައި ބިނާކުރަނިވި ވިސްނުމެއްގެ ދަށުން ދަނީ ހިންގެމުން. ހާއްސަކޮށް، ލީޑުގެ ދަށުން ހިންގެމުންދާ ޒުވާނުން ބާރުވެރިކުރުމުގެ ހަރަކާތް ކަމަށްވާ 'އޮރެންޖް ޒުވާނުން'ގެ ހަރަކާތް ދަނީ ކާމިޔާބުކަމާއެކު ހިންގެމުން،" އޭނާ ވިދާޅުވިއެވެ.

ލީޑް ޖަމިއްޔާ އިން މިހާރުވެސް ލ. އަތޮޅުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންދެއެވެ. އެގޮތުން އެ ޖަމިއްޔާ އިން ލ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ފޮނަދޫގައި ހިންގާ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.