އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 23

އަބްދުﷲ ފާރޫގް ހަސަން

5

(04 ޖެނުއަރީގެ އަދަދާ ގުޅޭ)

އިސްލާމްދީނަކީ ވަކި ޚާންދާނެއްގެ ނުވަތަ ވަކި ޤަބީލާއެއްގެ ދީނެއް ނޫނެވެ. އެދީން އޭގެ ބަރަކާތާއި އިނާމުތައް ބެހުމުގައި ޢަރަބީންނާއި ޢަޖަމީން ތަފާތެއް ނުކުރެއެވެ. އެދީނަށް ލިބޭ ފަތަޙައަކީ ވަކި ޤަބީލާއަކަށް ނުވަތަ ވަކި ޤައުމަކަށް ލިބޭ ފަތަޙައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ޢަރަބީންނާއި ޢަޖަމީންގެ ތެރެއިން އަނިޔާގެ ބަދަލުގައި ޢަދުލުއިންޞާފަށް، ނުބައިކަމުގެ ބަދަލުގައި ހެޔޮކަމަށް، ފަސާދައިގެ ބަދަލުގައި އަމްނުއަމާންކަމަށް ނަސްލީ ޢަޞަބިއްޔަތުގެ ބަދަލުގައި އިންސާނީ އެއްބަނޑުއެއްބަފާކަމާއި ހަމަހަމަކަމަށް އެދޭ އެތަކެއް ކުރޯޑު އިންސާނުންގެ ފަތަޙައެވެ.

އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް މިއައީ ކަލޭގެފާނަކީ އިންސާނަކަށް ވެވަޑައިގަންނަވާތީއެވެ. އިސްލާމްދީން ފިޔަވައި އިންސާނުންނަށް ސަލާމަތްހުރި އެހެން މަގެއްނެތެވެ. މުސްތަޤްބަލުގައި ކަލޭގެފާނު މިދުވަސްތައް ހަނދާންކުރައްވާނީ އުފަލާއި ފަޚުރުވެރިކަމާއެކުގައެއް ނޫނެވެ. ހިތާމަފުޅާއި ލަދުވެތިކަމާއިއެކުގައެވެ. އިސްލާމީ ޙަޔާތުގެ ނޫރުގެ ސައިލުގެ ރާޅުތައް ޢަޖަމްކަރައިގެ ސަރަޙައްދުގައި ބޮސްދޭން ފެށުމުން ކަލޭގެފާނުގެ އަނދިރި ކިއްލާގެ ދޮރުތައް ބަންދުކުރެއްވުނީތީ ކަލޭގެފާނު ޟަމީރު މަލާމާތްކުރާނެއެވެ. އަޅުގަނޑު ވަކިވެގެން މިދަނީ މާތް اللّـه ކަލޭގެފާނަށް ތެދުމަގު ދެއްކެވުމަށާއި، ކަލޭގެފާނުގެ ނިމުން ކަލޭގެފާނުގެ ފެށުމަށްވުރެ ރަނގަޅުކުރެއްވުމަށް ކުރާ ހެޔޮދުޢާތަކާ އެކުގައެވެ."

مثــنّـى އަމިއްލަފުޅު ނަފްސުގެ މައްޗަށް އެކަލޭގެފާނުގެ އިތުބާރު އޮތްލެއް ވަރުގަދަކަމުން އެކަލޭގެފާނު މުސްތަޙީލުކަމެއްގެ ވާހަކަ ވިދާޅުވި ކަމުގައިވިޔަސް އެއްވެސް މީހަކަށް އެވާހަކަފުޅާ އިންކާރު ކުރާކަށެއް ނުކެރުނީހެވެ. އެންމެން ޙައިރާންވެފައި ބަލަހައްޓައިގެން ތިއްބެވެ. حـطـم ހިތާމަޔާއެކު ހަތަރުފަރާތް ހޯދަހޯދައި ހުއްޓެވެ. ނަމަވެސް އޭނާއާ ހަތަރުކަޅި ހަމަކުރާނެ ނުވަތަ އަނގައިންބުނާނެ އެކަކުވެސް ނެތެވެ. مثــنّـى އެކަލޭގެފާނުގެ އެކުވެރިޔާގެ އަތުން އަހުގެ ލަގަން އަތުލައްވައިގެން ހަމަޖެހިވަޑައިގަތުމާއެކު އަހަށް ސަވާރުވެވަޑައިގެންފިއެވެ.

حسّان ވިދާޅުވިއެވެ. "އަޅުގަނޑަކީ قيس އަށް މާބެ ކިޔާ މީހެކެވެ. އަޅުގަނޑުގެ ވަޒަނަކީ ޢިރާޤެވެ. އަޅުގަނޑަކަށް އިސްލާމްދީނާމެދު އެއްވެސް މަޢުލޫމާތެއް ލިބިފައެއްނެތެވެ. ނަމަވެސް ސަހަރާގެ އަހުލުވެރީންގެ އަތްތަކުން ކޮންމެވެސް ދުވަހަކުން ޢަޖަމީންގެ އަނިޔާވެރި ރަސްރަސްކަލުންގެ ގުބާތައް ވީދޭނެކަމުގައިވާނަމަ އަޅުގަނޑު ކަލޭގެފާނާ ބައިވެރިވާން ބޭނުމެވެ."

مثــنّـى ހިނިފުޅުވަޑުވައިލެއްވިއެވެ. "ކަލާ އިސްލާމްދީނާ ވަރަށް ކައިރިއަށް ވަޑައިގެންފީމުއެވެ. އަޅުގަނޑުމެން ކަލާ ބޭނުމެވެ."

حسّان ދުވެވަޑައިގެންފައި ވަޑައިގެން އޭނާގެ އަސްކޮޅު މޮއްސަވައިލައްވައި އަހަށް ސަވާރުވެވަޑައިގެންފިއެވެ. مثــنّـى އޭނާގެ އަސްކޮޅު އަނބުރައިލެއްވިތަނާ ޤަބީލާތަކުގެ ބޮޑުންކުރެ ޢުމުރުން ދުވަސްފުޅުވީ ބޭފުޅެއް އޭނާގެ އަސް ކުރިޔަށްޖައްސަވައިލައްވައިފައި ބާރު އަޑުފުޅުން ވިދާޅުވިއެވެ. "مثــنّـى އެވެ! މަޑުކުރައްވާށެވެ!"

އެކަލޭގެފާނު މަޑުކޮށްލެއްވިއެވެ.

މުސްކުޅިޔާ ދެންނެވިއެވެ. "އަޅުގަނޑުގެ ކުރިމަތީގައި ތައުބާގެ ދޮރު ބަންދުނުވާކަމުގައިވާނަމަ އަޅުގަނޑު ކަލޭގެފާނާ ބައިވެރިވާން ބޭނުމެވެ."

مثــنّـى ޖަވާބުދެއްވިއެވެ. "ތިޔަބޭފުޅުންނަށްޓަކައި ތައުބާގެ ދޮރު ބަންދުވެއްޖެކަމަށް އަޅުގަނޑަށް އިޙްސާސްވާނަމަކަ މިތަނަކަށް ނައީމުހެވެ."

"އަޅުގަނޑުގެ ތިންދަރީންނާއި ޤަބީލާގެ ވިހިމީހުން މިތާގައި އެބަތިއްބެވެ. ކަލޭގެފާނު އެބައިމީހުން ގެންދަވާށެވެ. ޤަބީލާގައި ދެންތިބިމީހުންނާއިގެން އަޅުގަނޑު ދެދުވަހުގެ ތެރޭގައި ކަލޭގެފާނުގެ އަރިހަށް ދާނަމެވެ."

ޤަބީލާތަކުގެ ބޮޑުންގެ ތެރެއިން އެހެން ދެބޭފުޅަކުވެސް މުސްކުޅިފުޅު އަމީރާ ތަބާވެވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން مثــنّـى އެބަގީޗާއިން ނުކުމެވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ފަހަތްޕުޅުގައި ހަތަރު އަސްވާރުންގެ ބަދަލުގައި ފަސްދޮޅަސް އަސްވާރުން ތިއްބެވެ.

قيس އާއި حـطـم އާ ދެބޭފުޅުން ލޫޓުވައިލެވިފައިވާ ދަތުރުވެރީންގެ ބަޔަކު ފަދައިން އެކަކު އަނެކަކާ ދިމާޔަށް ބަލަހައްޓަވައިގެން ތިއްބެވިއެވެ.

ބޮޑުންކުރެ އެއްބޭފުޅަކު ކުރިޔަށް ޖެހިވަޑައިގެން حـطـم އާ ދިމާޔަށް ވިދާޅުވިއެވެ. "އަޅުގަނޑު ހައިރާންވެއްޖައީމެވެ. ކަލާ ތިޔަހާ ހަމަޖެހިވަޑައިގެން ހުންނަވައި އެހުރިހައި ވާހަކަތަކެއް އަޑުއެއްސެވީ ކީއްވެތޯއެވެ؟"

حـطـم އެވާހަކައަށް ޖަވާބުދިނުމުގެ ބަދަލުގައި قيس އާ ދިމާޔަށް އެއްޗެހިގޮވައިގަތެވެ. "ކަލާ ކަލާގެ ޤަބީލާގެ މީހުންގެ ހިތްވަރުގަދަކަމާމެދު ފަޚުރުވެރިވެވަޑައިގަންނަވަމުހެވެ. مثــنّـى ގެ ކުރިފުޅުމަތީގައި އެބައިމީހުން އަޅުންތަކެއްހެން ދެއަތްޖޯޑުކޮށްގެން ތިބީ ކީއްވެގެންތޯއެވެ؟ ކަލޭގެފާނު އެބައިމީހުންނަށް ދުނިއުކަން ނޭންގެވީ ކީއްވެގެންތޯއެވެ؟"

قيس ޖަވާބުދެއްވިއެވެ. "އެކަލޭގެފާނު ވަޑައިގަތީ ސަފީރެއްގެ ޙައިޘިއްޔަތުންނެވެ. އަޅުގަނޑު އަޅުގަނޑުގެ މީހުންނަކަށް ސަފީރުންނާ ދިމާޔަށް އަތްއުފުލާކަށެއް ދަސްކޮށެއް ނުދެމެވެ."

حـطـم އޭނާގެ ތުންފަތް ހަފަމުން ބުންޏެވެ. "ކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީއެވެ. ސާފުކޮށް އެހެން ވިދާޅުނުވާން ތިޔައުޅުއްވަނީ ކީއްވެތޯއެވެ؟"

قيس ކޯފާވެގެން ވިދާޅުވިއެވެ. "مثــنّـى ފެނިފައި ސަފީރުން ޤަތުލުކުރުމަކީ ހުއްދަކަމެއްނަމަ ރަނގަޅޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު މިހާރު ކަލޭގެ ސިފަ ފެނިފައި އަހަރެންގެ ހިތަށް އެބައަރައެވެ. މެހުމާނުން ޤަތުލުކުރުން ހުއްދަނަމަ ވަރަށް ރަނގަޅެވެ. ކަލޭ އަހަރެންގެ ގާތުގައި ބުނެފައިވަނީ ބަނޫ ޢަބްދުލްޤައިސަށް ޙިޖާޒުން އެއްވެސް އެހީއެއް ނުލިބޭނެކަމަށެވެ. އަދި ޔަމާމާގެ ބަލިވެފައިވާ ޤަބީލާތައްވެސް ކަލެއާ ބައިވެރިވާނެކަމުގައެވެ. ޢަރަބީންގެ ހުރިހާ ޤަބީލާތައް އެއްބަޔަކަށްފަހު އަނެއްބަޔަކު ކަލެއާ ބައިވެރިވަމުންދާނެ ކަމުގައިވެސް ވާހަކަދެއްކީމުއެވެ. ކަލެއަކީ މޮޔައެކެވެ. ދޮގުވެރިއެކެވެ. އަހަރެން އިޢުލާންކުރަމެވެ. އަހަރެންގެ ޤަބީލާގެ އެކަކުވެސް މުސްލިމުންނާ ދެކޮޅަކަށް ހަނގުރާމައިގައި ބައިވެރިއެއް ނުވާނެއެވެ."

ވިދިގެންއައިދުވަހު ހަވީރު مثــنّـى بــن حــارثـــة رضى اللّـه عنــه ފޭލިގެ ޖެއްސެވީ ޖުވާޘާއާ ދެމަންޒިލް ދުރުގައިވާ އަވަށެއްގައެވެ. އެއަވަށުގެ ނުފޫޒުހުރި ރައީސެއްގެ ގޭގެކައިރީގައެވެ. ބަޙުރައިންގެ ދިގާއި ހުރަހުން ވޮލަންޓިޔަރުންގެ އެތައްބަޔަކު އެކަލޭގެފާނުގެ ދިދައިގެދަށަށް ޖަމާވަމުންދިޔައެވެ. مثــنّـى ގެ ކޮއްކޯފުޅު معـنّـى އާއި ޝައިބާނީ ޤަބީލާގެ އެހެނިހެން ބޮޑުން ބަޙުރައިންގެ އަހުލުވެރީން އެބޭފުޅުންނާ އެއްބައިކުރެއްވުމަށްޓަކައި މެދުކެނޑުމެއްނެތި ދަތުރުކުރައްވަމުން ގެންދަވަނީއެވެ.

مثــنّـى އަސްކަރުގާހުގައި މަޑުކުރައްވައިގެން ހުންނެވިއިރު އެކަލޭގެފާނުގެ ގިނަވަގުތު ހޭދަކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ ޤާޞިދުންގެ ރިޕޯޓު އަޑުއެއްސެވުމުގައެވެ. އެބައިމީހުންނަށް އާއިރުޝާދުތައް ދެއްވައިފައި އެކިފަރާތްފަރާތަށް ފޮނުއްވުމުގައެވެ. ޤާޞިދަކު ދުރުކޮންމެވެސް އަވަށެއްގެ ވެރިޔަކަށް مثــنّـى ގެ މެސެޖު ރައްދުކުރުމަށްފަހު ވަރުބަލިކަމާއެކު އެނބުރި އަންނައިރަށް އެމީހަކަށް އެހެން އަހެއްދެއްވައިފައި ކޮންމެވެސް އެހެން ދިމާޔަކަށް ފޮނުއްވައެވެ. އެބައިމީހުންނާ ޙަވާލުކުރައްވާ މަސައްކަތް ކާމިޔާބު ކުރުމަށްފަހު ވަރުބަލިކަމާއެކު އެނބުރިއަންނަ ޤާޞިދުންގެ ރޫޙު ދިރިގެންދަނީ مثــنّـى ގެ މޫނުފުޅުމަތީން ފާޅުވާ ރުހިވަޑައިގެންނެވުމުގެ އަސަރުންނެވެ. مثــنّـى ގެ ދޫފުޅުން ވިދާޅުވާ ހިތްވަރުދެއްވުމުގެ ނުވަތަ ތާރީފުގެމަދު ލަފުޒުކޮޅަކާއި އެކަލޭގެފާނުގެ މޫނުފުޅުމަތީންފާޅުވާ ލުއިލުއި ހިނިފުޅުވަޑުވައިލެއްވުމަކީ އެބައިމީހުންގެ ދިގުދަތުރުގެ ވަރުބަލިކަމާއި، ބަނޑުހައިހޫނުކަމާއި، ފެންބޮވައިގަތުމުގެ އިނާމެއްކަމަށް ހިތުގެއަޑިން ޤަބޫލުކުރެއެވެ. އެކަލޭގެފާނުގެ ޤާޞިދަކުއައިސް ކަލޭގެފާނުގެ މެސެޖުން މިވެނި ސަރުދާރަކަށް އެއްވެސް އަސަރެއް ނުކުރިޔޭ ބާޣީންނާއި ބައިވެރިވާން ގަދަހަދަނިއްޔޭ ދަންނަވައިފިނަމަ އެކަލޭގެފާނުގެ ކޮއްކޯފުޅު ނުވަތަ އެހެން ކޮންމެވެސް އަމީރަކާ ލަޝްކަރު ބެލެހެއްޓެވުން ޙަވާލުކުރައްވައިފައި ވަގުތުން އެދިމާޔަކަށް ވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ އެކުވެރީން އެކަލޭގެފާނުގެ އަރިހުގައި ވަޑައިގަންނަވާން ގަދައަޅުއްވައިފިނަމަ ވިދާޅުވެއެވެ. މާތް اللّـه އެދިވޮޑިގެންވަނީ އަހުރެންގެ ވަޠަނުގެ އަޚުންގެއަތުން އަހަރެން ޝަހީދުވުން ކަމުގައިވާނަމަ އަހުރެންގެ ވަށައިގެން އެކަތައިގެފާރެއް ލައިގެންވެސް ތިޔަބައިމީހުންނަކަށް އަހަރެން ސަލާމަތެއް ނުކުރެވޭނެއެވެ. އެކަލާނގެ ދީނުގެ ޚިދުމަތުގައި އަހަރެން ދިރިދަމަހަށްޓަވަން އިރާދަކުރައްވާނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެން ބައްޔެއް ނުކުރެވޭނެއެވެ.

مثــنّـى حسّان ބަހައްޓަވައިފައިވަނީ އެކަލޭގެފާނުގެ ތަނަވަސް ފޭލިގެކޮޅުގައެވެ. حسّان އަށް ހީފުޅުވަނީ مثــنّـى ގެ ހަށިކޮޅުގައިވާ ކޮންމެވެސް ދަމާބާރެއް އޭނާ مثــنّـى އާ ދިމާޔަށް ދަމާހެންނެވެ. ކިސްރާގެ ލަޝްކަރުން އޭނާވަނީ ނުހަނު ހައިބަތުހުރި ޖަނަރަލުން ދެކެވަޑައިގެންފައެވެ. އެބައިމީހުންގެ ހަރުކަށިކަން އެބައިމީހުންގެ ސިފައިންގެ ކަނދުރާތައް ލަންބައިލަން މަޖުބޫރުކޮށްފައިވާ ޖަނަރަލުންނެވެ. ނަމަވެސް ކޮމާންޑަރަކާއި އޭނާގެ ސިފައިންނާ ދެމެދުގައިވާ ލޯތްބާއި ހިތުގެއަޑީގެ ކަމޭހިތުމުގެ ގުޅުމަކީ އޭނާއަށް މުޅީންއާކަމެކެވެ. މިތާނގައި މޮޅުމީހެއް ދެރަމީހެއްގެ އެއްވެސް ތަފާތެއްނެތެވެ. ޤަބީލާތަކުގެ ވެރީންނާއި އާންމުސިފައިން ކައިބޮއިހަދަނީ އެއްސުފުރާއެއްގެ މަތީގައެވެ. "ތުނޑު ސުފުރާއަށް އަތްހަމަނުވާ" އެކަކުވެސް މިތާކުނެތެވެ. ނަމާދަށް ސަފުހަދާއިރުވެސްހީވަނީ އެއްޢާއިލާއެއްގެ މެމްބަރުންތަކެއްހެންނެވެ. حسّان މީގެކުރީން އީރާނާއި ރޫމުގެ ލަޝްކަރުން ދެކެވަޑައިގެންފައިވާ ސިފައިންނަކީ ލިބޭހުސްވަގުތުގައި ރާބުއިމާއި، ޖުވާކުޅުމާއި، އައްޔާޝީ ކަންތައްތަކުން ހިތްހަމަޖެހުން ހޯދާބައެކެވެ. އެބައިމީހުންގެ އަސްކަރުގާހު (ލަޝްކަރު މަޑުކޮށްފައި އޮންނަތަން) ގެވަށައިގެން ހުންނައަވަށްތައް ވެގެންދަނީ އެބައިމީހުންގެ ޝިކާރަބިމަށެވެ. ނަމަވެސް އިސްލާމީ ޣާޒީންގެ ހުރިހައި ވަގުތެއް ހޭދަވެގެންދަނީ ޖިހާދުގެ ތައްޔާރީގައެވެ. ފަތަޙައަށްއެދި ދުޢާކުރުމުގައެވެ. ރާބުއިމާއި ޖުވާކުޅުމީ އެބައިމީހުންގެ މައްޗަށް ހަރާންކަންތަކެވެ. ޢަޖަމީންގެ ޢަސްކަރީ ދިރިއުޅުމުގެ ކޮންމެހެން ލާޒިމު ކަންތައްކަމުގައި ބެލެވޭ ފާފަތަކުން އެބައިމީހުންވަނީ އެއްކިބާވެގެންނެވެ. ހުސްދުރުވެގެންނެވެ.

حسّان އެންމެބޮޑަށް ޙައިރާންފުޅުވީ އިންސާނީ އުޚުއްވަތާއި ހަމަހަމަކަމުގެ ގުޅުމުގެ ސަބަބުން މޮޅުމީހުންނާއި ދެރަމީހުންގެ ތަފާތު މުޅީންނެތިގެން ގޮސްފައިވާއިރުވެސް މިބައިމީހުންގެ އަމުރަށް ކިޔަމަންވުމަށް ކުޑަވެސް ފަރަޤެއް އައިސްފައިނުވާތީއެވެ. ކޮންމެމީހެއްގެވެސް ޒަމީރަށް ލިބިފައިވާ ނިހާޔަތެއްނެތް މިނިވަންކަމާއެކުވެސް އެބައިމީހުންގެ ވިސްނުމާއި ޚިޔާލުގައިވަނީ އަންތަރީސްވާފަދަ އެއްގޮތްކަމެކެވެ. އެބައިމީހުންގެ ކޮމާންޑަރުގެ އެންމެކުދިކުދި އިޝާރާތްތަކަކީވެސް އެބައިމީހުންގެ ކުރިމަތީގައި އަމުރެއްގެ ދަރަޖަލިބިފައިވާ ކަންކަމެވެ. مثــنّـى އެބައިމީހުންނަށް ދައްކަވާނީ ރަނގަޅުމަގުކަމުގެ ހިތްހަމަޖެހުން ލިބިފައިވުމާއެކު އެމަގުން ހިނގާންފެށުމުން ގިރާކުރާންޖެހޭނީ ކިތައްކޯރުކަމެއް ނުވަތަ ކިތައްފަރުބަދަކަމެއް ނުވަތަ ކިތައްޞަޙަރާކަމެއް އެބައިމީހުން ބަލާކަށެއް ބޭނުމެއްނޫނެވެ. އެބައިމީހުންނަށް އެބައިމީހުންގެ ހިތްވަރުފުޅުގަދަ ޢަޒުމްވަރުގަދަ ލީޑަރުގެ ނިތްކުރިފުޅުމަތީން ފަތަޙައާއި ނަޞްރުގެ އުފާވެރި ނިމުތު ފެންނަކަހަލައެވެ.

ހަތަރުދުވަސް ވޭތިވެއްޖެއެވެ. އެދުވަސްތަކުގައި مثــنّـى އާ މާދިގުކޮށް ވާހަކަދައްކަވާނެ ފުރުޞަތެއް حسّان އަކަށް ލިބިވަޑައެއް ނުގަންނަވައެވެ. ބައެއްފަހަރުފަހަރު مثــنّـى حسّان އަށް ކުޑައިރުކޮޅަކަށް ސަމާލުކަންދެއްވައެވެ. އޭނާގެ ޙާލުކޮޅު އައްސަވައިލައްވައެވެ. مثــنّـى އެކަލޭގެފާނުގެ އެކުވެރީންކުރެ ކޮންމެވެސް ބޭކަލަކަށް حسّان އަށް ފަސޭހަފުޅުވާނެގޮތަށް ކަންތައް ބެލެހެއްޓެވުމަށް އަމުރުކުރެއްވުމަށްފަހު މަސައްކަތްޕުޅުގައި މަޝްޣޫލުވެވަޑައިގަންނަވަނީއެވެ. حسّان ހަމަހިމޭންކަމާއެކު އެއްފަރާތެއްގައި އިންނަވައިގެން مثــنّـى އެކަލޭގެފާނުގެ ޤާޞިދުންނާ ދައްކަވާ ވާހަކަފުޅުތައް އަޑުއައްސަވައެވެ. އެގޮތުން އޭނާއަށް ވަށައިގެން ހިނގަމުންދާ ކަންތައްތަކުގެ ޚަބަރުތައް ލިބިވަޑައިގަންނަވަމުންދެއެވެ. ޤާޞިދުންގެ ރިޕޯޓު އަޑުއެއްސެވުމަށްފަހު އެބައިމީހުންނާ މަސައްކަތްތައް ޙަވާލުކުރައްވައިފައި مثــنّـى އެނބުރިވަޑައިގަންނަވަނީ ދެވަނަފަހަރަށް އިސްލާމްވަމުންދާ ޤަބީލާތަކުގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށެވެ. އެބައިމީހުންގެ ސިކުނޑިތަކަށް ވެރިވެފައިވާ ވަހުމުތައް ފިލުއްވައިލެއްވުމުގެ މަސައްކަތް ޙަވާލުކުރައްވަނީ، ވަރުބަލިފުޅުވުމެއް އަމިއްލަ އެދުންފުޅެއްނެތި ދީނަށް ގޮވާލެއްވުމުގެ މަސައްކަތްޕުޅުގައި ދެމިތިއްބަވާ ބޭކަލުންނާއެވެ. އެބޭކަލުންގެ ޙަޔާތްޕުޅުގެ ކޮންމެ ނޭވާފުޅެއް ވަޤުފުކުރައްވައިފައިވަނީ ޙައްޤުދީން މަތިވެރިކުރެއްވުމަށެވެ. އެބޭކަލުން ވޮލަންޓިއަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދެއްވައެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ސާހިބާގެ ޙަޔާތްޕުޅު އޮޅުންފިލުއްވައިދެއްވައެވެ. ޞަޙާބީންގެ މާތްކަމާއި ދަރަޖަ ބަޔާންކޮށްދެއްވައެވެ. އެބޭކަލުންގެ ވާހަކަފުޅު އަޑުއައްސަވަން އިންނަވާއިރު حسّان އަށް ހީފުޅުވަނީ އޭނާގެ ކުރިފުޅުމަތީގައި ޢިލްމާއި މަޢުރިފާގެ އާދުނިޔެއެއްގެ ދޮރުތައް ހުޅުވެމުންދާހެންނެވެ. އެދުނިޔެއަކީ ނުހަނުތަނަވަސް ދުނިޔެއެކެވެ. ނިމުމެއްނެތް އުފާތަކަކުން ފުރިފައިވާ ދުނިޔެއެކެވެ. އިސްލާމްދީން ފާޅުވުމުގެކުރީން ޙައްޤުހޯދަން މަސައްކަތްކުރި އެތަކެއް ޤާފިލާތަކެއްވަނީ ޢަރަބިކަރަޔާއި ޢަޖަމުކަރައިގެ ތަނަވަސް ބައްރުގައި ނިޝާނެއްނެތް މަގުތަކެއްގައި ދަތުރުކޮށްފައެވެ. ފުރާނަތައް ޤުރުބާންކޮށްފައިވަނީ އެދުނިޔެ ހޯދުމުގެ ދަހިވެތިކަމުގައެވެ. އިސްލާމްދީނުގެ މާޒީއާއި މުސްތަޤްބަލާމެދު حسّان އަށް މިހާރު އިޙްސާސްކުރެއްވެނީ އޭނާގެ އަމިއްލަފުޅު މާޒީއާއި މުސްތަޤްބަލު ކަމުގައެވެ. އިސްލާމްދީނުގެ މުސްތަޤްބަލާމެދު މާތް اللّـه ގެ ހެޔޮލަފާ އަޅުތަކުންގެ އުންމީދުތަކާއި ދުޢާތަކާމެދު حسّان އަށް ހީފުޅުކުރެއްވެނީ އޭނާގެ އަމިއްލަފުޅު އުންމީދުތަކާއި ދުޢާފުޅުތައް ކަމުގައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟