ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީން ވެސް ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމައިފި

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހުރިހާ ގޮނޑިތަކަށް ވާދަކުރުމަށް ނިންމައިފިއެވެ.

ޖޭޕީން އެގޮތަށް ނިންމީ އިއްޔެ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާއި ގުޅޭގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު މިއަދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި ސިޓީ އަދި އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ވެސް ޖޭޕީން ވާދަކުރާނެ ކަމަށެވެ.

އޭގެ އިތުރުން ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް ޖޭޕީން ވާދަކުރާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖޭޕީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރުމުގެ ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ދާއިރާއަކަށް އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލާނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެއްވެސް ބޭފުޅަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން ނިންމާފައިނުވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ޖޭޕީން ވާދަކުރަން ނިންމިއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ވެސް ވަނީ ހުރިހާ ގޮނޑިތަކަށް ކުރިމަތިލުމަށް ނިންމައި، އެޕާޓީތަކުގެ ޓިކެޓު ހޯދުމަށް ހުޅުވާލައިފައެވެ.