ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޕީޕީއެމުން ނެރުނު އިއުލާނެއްގައި ބުނީ ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 13 ވަނަ ދުވަހުގެ 16:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ޕީޕީއެމުން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެފަހަރު ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޕީޕީއެމުން ވަނީ ނިންމައިފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ ޕީޕީއެމްގެ ޓިކެޓުގައެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.