ބޮލީވުޑް

ލޯބިކުރަނީ "ބޯރިން" ދިރިއުޅުމަކަށް، ޝާހުއަކީ އަދިވެސް ވަރަށް ގާތް ރައްޓިއްސެއް: ކާޖޮލް

މަގުބޫލު ބަތަލާ ކާޖޮލްއަކީ އަދިވެސް ގިނަ ބައެއްގެ ހިތުގެ ރާނީކަން ކުރާ ތަރިއެކެވެ. އެއީ "ދިލްވާލެ ދުލްހަނިޔާ"ގެ ސިމްރަންގެ ނަމުންވިއަސް، "ކުޗް ކުޗް ހޯތާ ހޭ" އަދި "ކަބީ ކުޝީ ކަބީ ގަމް"ގެ އަންޖަލީގެ ނަމުންވިއަސް ކާޖޮލްއަކީ ބޮލީވުޑްގައި އެންމެ އުހުގައި ފިޔަޖަހާފައިވާ އަދިވެސް އެހާމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ.

ފިރިމީހާ އަޖޭ ދޭވްގަންގެ ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޮރިއާ"ގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާއަކަށް ކާޖޮލް ދިން އިންޓަވިއުއެއްގައި ވަނީ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އާ އަހަރާ ދިމާކޮށް ކާޖޮލް ބަދަލު ކުރާނީ ކޮންކަމެއްތޯ އާއި އާ އަހަރުގެ އަމާޒަކީ ކޮބައިތޯ ނޫސްވެރިޔާ އެހި ސުވާލަށް ކާޖޮލް ވަނީ މިވަގުތު އޭނާގެ ދިރިއުޅުން "ޕާފެކްޓް" ކަމަށް ބުނެފައެވެ. އަދި އެއްވެސް ކަމެއް ބަދަލު ކުރަން ބޭނުން ނުވާ ކަމަށް ވަނީ ބުނެފައެވެ. ބަދަލު ތަކަކީ އެހާ ކަމުދާ ކަމެއް ނޫން ކަމަށާއި، ލޯބިކުރަނީ "ބޯރިން" އާދައިގެ ދިރިއުޅުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

"މީހުން އަހާނެ ކޮންކަމެއްތޯ ދިރިއުޅުމުގައި ހިނގަނީ، ކޮބައިތޯ އާކަމަކީ؟ އަހަރެން ބުނަން، އެއްވެސް އާ ކަމެއް ނެތޭ، ކޮންމެ ދުވަހަކު މިއުޅެނީ ހަމަ އެއް ލައިފެއްގައޭ، އެއްވެސް "ހޮޓް ގޮސިޕެއް" ނެތޭ" ކާޖޮލް ބުންޏެވެ.

ކާޖޮލް ބުނީ ޝާހު އާއެކު އޭނާގެ އޮން ސްކްރީން ކެމިސްޓްރީ އެހާ ބޮަޑަށް ފެނިގެންދަނީ ދެމީހުން ދެމެދުގައި އޮންނަ ގާތް ރައްޓެހިކަމުގެ ސަބަބުން ކަމަށެވެ.

"ދެމީހުން އެކުގައި 1993 ގައި ކުޅުނު ބާޒީގަރު އަދި 1995 ގައި ކަރަން އަރްޖުން ފިލްމުތައް ކާމިޔާބުވުމާއެކު ދެން ފަހަތް ބެލުމެއް ނެތް. އަސްލު ދެމީހުން ވަރަށް ލަކީ ލިބިފައިވަނީ މޮޅު ފިލްމުތަކެއް، އަނެއްކާ ކޯ ސްޓާއާ އޮންނަ ގުޅުން ވަރަށް މުހިންމުވޭ. ދެ މީހުން ވެސް އެކަކު އަނެކަކާއެކު ވަރަށް ކޮންފޮޓަބަލްވޭ. އެކަން އޮން ސްކްރީނުން ފެނިގެން އެދަނީ. ސީނެއް ކުޅޭއިރު ޝާހުއަށް އެނގޭނެ އަހަރެން ކަން ކުރާނެ ގޮތް އަދި އަހަރެންނަށް އެނގޭނެ އޭނާ ކަންކުރާނެ ގޮތް،" ކާޖޮލް ބުންޏެވެ.

ފިރިމީހާ އަޖޭއާ ބެހޭގޮތުން ވާހަކަދައްކަމުން ކާޖޮލް ބުނީ އަޖޭއަކީ ގޭގައި ވެސް އަދި ސެޓުގައި ވެސް މަޑުމަތިރިކޮށް ހުންނަ މީހެއް ކަމަށެވެ. އަދި އެކަމަކީ އޭނާ އަޖޭދެކެ އެންމެ ލޯބިވާ އެއް ސިފަ ކަމަށާއި، އޭގެ އިދިކޮޅަށް އޭނާއަކީ އަނގަ ގަދަ މީހެއް ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލް ވަނީ ބޮލީވުޑްގައި އޭނާގެ ކެރިއާ އެންމެ ޕީކްވި ދުވަސްވަރު ކައިވެނިކޮށްފައެވެ. އުމުރުން 25 އަހަރުގައި ކުރި ކައިވެންޏާ ބެހޭގޮތުން ނޫސްވެރިޔާއަށް ކުރި ސުވާލަށް ޖަވާބު ދެމުން ކާޖޮލް ބުނީ އަބަދުވެސް އިތުބާރު ކުރަނީ އަމިއްލަ ނަފްސަށް ކަމަށެވެ. އެއީ އާންމު ދިރިއުޅުން ކަމުގައިވިއަސް އަދި ފިލްމެއް ކަަމަށްވިއަސްމެއެވެ.

"އެ އުމުރުގައި ކައިވެނި ކުރުން އެއީ އެހާ ބޮޑު ކަމެއް ކަމުގައި ނުދެކެން. ކިތަންމެ އަންހެނުންނެއް ކައިވެނި ކޮށްގެން ވެސް ފިލްމީ ދުނިޔޭގައި ކާމިޔާބީ ހޯދި، އޭގެ ތެރޭގައި އަހަރެންގެ މަންމަ ވެސް ހިމެނޭ." އޭނާއަކީ ކަންނެތް ނަމަވެސް ވަރަށް ގޮތްދޫނުކުރާ މީހެއްް ކަމަށް ބުނަމުން ކާޖޮލް ނޫސްވެރިޔާއަށް ކިޔައިދިނެވެ.

ކާޖޮލް އިތުރަށް ބުނީ، ކައިވެނި ކުރުމަށްފަހު ބޭނުން ފިލްމެއް ނެގުމުގެ ފުރުސަތު ވެސް އޭނާއަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި ލިބޭ ހުރިހާ ފިލްމެއް ކުޅުމުގެ ބަދަލުގައި ބޭނުންވީ ވާހަކަ ކަމުދާ ފިލްމުތައް ހޮވާލައިގެން ކުޅުން ކަމަށެވެ.

ކާޖޮލް ބުނީ ވަކި މީހަކަށް ވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ މީހާގެ ހުރި ގާބިލިއްޔަތު ކަމާއި ކެޕޭސިޓީ ކުރިއަރުވާ އެއަށް ފޯކަސް ކުރުން މުހިންމު ކަމަށެވެ. ކެޓްރީނާ ކައިފް ގޮތަށް ނޭފަތް ނުވަތަ ތުންފަތް ހެދުމުން އެއީ މީހާ ސްޓޭންޑް އައުޓް ވުން ނޫން ކަމަށާއި އެއީ ބްލެންޑްވުން ކަމަށް ކާޖޮލް ވަނީ ޒުވާނުންނަށް ދޭ ނަސޭހަތެއްގެ ގޮތުގައި ބުނެފައެވެ.