ޝިފާ މުހައްމަދު

މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީ ބައެއް ކައުންސިލަރުން ޝިފާއަށް ޖެއްސުމާއި ގޯނާ ކުރަނީ!

މާލެ ސިޓީ ކައުންސިލްގެ ތެރެއިން ޖެއްސުމާއި ގޯނާ ކުރިމަތިވާ ކަމަށާއި އަންހެނުންނަށް ގޮންޖެހުން ހުރި ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އަނެއްކާވެސް މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ޝިފާ، ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ވިދާޅުވީ ކިތަންމެ ވަރަކަށް ގޯނާ ކުރި ނަމަވެސް ފަހަތަށް ޖެހިފައި ނުވާނެ ކަމަށާއި އެކަން ކައުންސިލްގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ކިތަންމެ ވަރަކަށް އަޅުގަނޑަށް ހެރެސް ކުރިޔަސް، ކިތަންމެ ވަރަކަށް އަޅުގަނޑަށް އުނދަގޫކުރި ކަމުގައިވިޔަސް، އަޅުގަނޑު ފަހަތަކަށް ނުޖެހޭނަމޭ. އަޅުގަނޑު ފަހަތަކަށް ނުވެސް ޖެހެން. އެންމެ ފުރަތަމަ އެބޭފުޅުން މަސައްކަތްކުރެއްވީ ވެސް އެގޮތަށް. މިއަދު ދެން އަޅުގަނޑު އެކަންކަން ފޮރުވާކަށް ނެތިން. މިހެން މި ދެންނެވި ސަބަބަކީ އަޅުގަނޑާއި އަޅުގަނޑުގެ ކައުންސިލްގެ ސްޓާފުން ގްރޫޕުން ނުކުންނަ ހިސާބަށް ވެސް އަޅުގަނޑުމެންގެ ބައެއް ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން ކަންތައް ދިޔަ. އަންހެން ބޭފުޅުންނަށް ގޮންޖެހުންތައް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ޖެއްސުމާއި ގޯނާކޮށްގެން ފަހަތަށް ޖެއްސިދާނެ ކަމަށް ބައެއް ބޭފުޅުން ހީކުރައްވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވާ މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމަށާއި އެ މައްސަލަ ހުށަހެޅީ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުނުވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވާނެ އޭސީސީއަށް ވެސް އަޅުގަނޑާ ދިމާއަށް ހެރެސްކޮށްފައި ހުރި ހުރިހާ މައުލޫމާތުތަކެއް އަރުވާފައި. އޭސީސީއަށް ދެންނެވިން އެއްގޮތަކަށް ވެސް މިއުޅެނީކީ މިތަނުގައި މީހަކު ވައްކަން ކޮށްގެންނެއް ނޫނޭ. ހަގީގަތުގައި އޭސީސީ ވެސް އެ އުޅުއްވަނީ ސިޔާސީ ކުޅިގަނޑެއްގެ ތެރޭގައި. އެބޭފުޅުން މައްސަލަ ލެއްވީމަ، ބައްލަވަން ޖެހިވަޑައިގަންނަވާނެ. އެކަމަކު ހަގީގަތުގައި އެ ހިނގައިދިޔައީ އަޅުގަނޑު މޭޔަރުކަމަށް އިއުލާންކުރުމަށްފަހުގައި އަޅުގަނޑަށް ކުރި ޖެއްސުމާއި ގޯނާގެ ތެރެއިން އައި ކަންތައްތައް. އެހެންނަމަވެސް އަޅުގަނޑު އުފާކުރަނީ އެ ހުރިހާ ކަމެއްގެ ތެރޭގައި ވެސް ޑެޕިއުޓީ ވެސް ހުންނެވީ، އަދި އިތުރު ހަ ކައުންސިލަރުން އަޅުގަނޑާ އެކުގައި ތިއްބެވުމާ އެކުގައި އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ ވޯޓެއް އެބޭފުޅުންނަކަށް ނުނެގުނު. ނުނެގުނީމަ ދެން އަޅުގަނޑުގެ ބޮލުގައި ބޮޑެތި ބަދުނާމުތަކަކާއި ވާހަކަތައް އަޅުވަމުން ގެންދަވަނީ،" އޭނާ ވިދާޅުވިއެވެ.

ޝިފާ އިތުރަށް ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގެ މަސައްކަތް މިވަގުތު ހުއްޓުމެއް އައިސްގެން އުޅެނީ ކައުންސިލްގެ ބިޑް ކޮމިޓީގެ އަމިއްލަ އަދި ޒާތީ ކަންތައްތަކަކާ ގުޅިގެން ކަމަށާއި އެ މަސައްކަތް ލަސްވަނީ އެބޭފުޅުން ކައުންސިލަށް ހޮވުމަށްޓަކައި އަމިއްލަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކައުންސިލަށް ބޭނުންވާ ބައެއް ކަންތައްތައް ހުއްޓުމަކަށް ގެނެވިފައިވާތީ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ބިޑް ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީ ކައުންސިލަރު އަހްމަދު ނިޔާޒާއި އެމްޑީޕީ ކައުންސިލަރު އާދަމް ޝަރީފާއި އެމްޑީޕީ ކައުންސިލަރު ހުސައިން ޝަރީފާއި އެމްޑީޕީ ކައުންސިލަރު މުހައްމަދު ފަޒީންގެ އިތުރުން ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު އަލީ ފައިސަލެވެ.

މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ ކައުންސިލަރުންގެ ތެރެއިން މުހައްމަދު ފިޝާވީން ސަލީމް ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. ފިޝާވިން ނިސްބަތްވަނީ ޑީއާރުޕީއަށެވެ.