ޕޮލިސް

ފުލުހުން، ކަރެކްޝަންސްއަށް: ފުލުހުންގެ އޮފިސަރުން ޖަލަށް ޒިޔާރަތްކުރީ ބައްދަލުވުމަކަށް، ތަހުގީގެއް ހިންގާކަށް ނޫން

ފުލުހުންގެ އޮފިސަރުން ޖަލަށް ޒިޔާރަތްކުރީ ތަހުގީގެއް ހިންގުމަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނުމުން، ފުލުހުން އެކަން ދޮގުކޮށްފިއެވެ.

ކ. މާފުށީ ޖަލު ޔުނިޓް ހަތަރެއްގައި ތިބި ރިމާންޑު ބަންދު މީހުން ގައިގައި ޖަލު އޮފިސަރުން ތަޅާ އަނިޔާކޮށް ޖަލުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދުދީ ނެރުނު ނޫސް ބަޔާނެއްގައި ކަރެކްޝަން އިން ބުނެފައިވަނީ ރިމާންޑްގައި ތިބި މީހުންނާއި ޖަލު އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ނުހިނގާ ކަމަށެވެ.

މިއަދު މާފުށި ޖަލަށް ފުލުހުން ޒިޔާރަތްކުރީ ރިމާންޑު ބަންދުގައި ހުރި މީހަކަށް ގޮޅީގައި ތިބި މީހުން އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ ކަރެކްޝަންސް އިން މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި ފުލުހުން ޖަލަށް ޒިޔާރަތްކުރީ ކަރެކްޝަންސް އިން ފުލުހުންނަށް ގުޅާފައި ކޮމިޝަނާ އޮފް ޕްރިޒަންސް މުނާޒްގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް އެދުމުން ކަމަށް ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ދެ އޮފިސަރުން އެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

އެ ބައްދަލުވުމަށްފަހު ބައްދަލުވުމުގައި ބައިވެރިވި އޮފިސަރުން ވަނީ ކަރެކްޝަންގެ އޮފިސަރުން ގޮޅިތައް ބަލައި ފާސްކުރި ގަޑީގައި ގޮޅިތައް ބަލައި ފާސްކުރި ގޮތް ބައްލަވައިލައްވާފައި ކަމަށާއި ބަލައި ފާސްކުރުމުގައި އަމަލީގޮތުން ފުލުހުން ބައިވެރިވެފައިނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.