އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީއަށް އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތަށް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން އެރަށުގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާން ކުރުމާއި އަންހެން މެމެބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތުލުން އަންނަ ހަފްތާގެ ބަންދުގައި ކުޅުދުއްފުށީގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާއެކު ކުޅުދުއްފުށި ސިޓީގެ ހަ ދާއިރާއަކަށް ބަހައި، ޝަކުވާ ހުށަހެޅުމަށް ހުޅުވާލިއެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.
އެގޮތުން މާލެ ސިޓީގެ ޖުމްލަ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައިވާއިރު، އައްޑޫގެ ޖުމްލަ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވަނީ ހަތަރު ދާއިރާއެކެވެ. އަދި ފުވައްމުލަކުގެ ޖުމްލަ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކޮށް، މިރޭ ވަނީ އިއުލާން ކޮށްފައެވެ.
އެ ދާއިރާތަކުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ގޮނޑިތައް ގުރުއަތުން ނަގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.