އުމަރު ނަސީރު

ކޮރަޕްޓް މީހުންނަށް ޖާގަ ނުދޭނެ ކަމަށް ހީކުރެވުނު ހީކުރެވުން ކުށްހީއަކަށް ބަދަލުވެއްޖެ: އުމަރު

4

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮރަޕްޓު މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރުން ކުށްހީއަކަށް ބަދަލުވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވައި، ކޮރަޕްޓު މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރުން ކުށްހީއަކަށް ބަދަލުވެފައިވާ ކަމަށެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންނާ މެދު އެމްޑީޕީގެ ބައެއް ބޭފުޅުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުން އެނގުމުން ކުރި އުއްމީދުތައް ފެނަށްވެގެން ހިނގައްޖެ ކަމަށް ވެސް އެމްޑީޕީގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވީ އިބްރާހިމް ރިފްއަތެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޝާހިދެވެ.

މިނިސްޓަރ އޮފް ޑިފެންސްގެ މަގާމަށް އައްޔަން ކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ ކުރީގެ މެމްބަރު މާރިޔާ އަހުމަދު ދީދީއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަން ކުރެއްވީ އިބްރާހިމް އަމީރެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު އަސްލަމެވެ.

މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. އިބްރާހިމް ހަސަނެވެ.

މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީނެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީގެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު މަލީހް ޖަމާލެވެ.

މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވީ ޑރ. އާއިޝަތު އަލީ އެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަގާމަށް އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އެވެ.

މިނިސްޓަރ އޮފް ހެރިޓޭޖްގެ މަގާމަށް އައްުޔަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަށް އައްޔަން ކުރެއްވީ ޑރ. އަހުމަދު ޒާހިރެވެ.

މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަން ކުރެއްވީ އައިމިނަތު އާތިފާ އެވެ.

މިނިސްޓަރ އޮފް އެންވަޔަރުމެންޓްގެ މަގާމަށް އައްޔަން ކުރެއްވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް ކަމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މަހުލޫފެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟