ޝެއިޚް އިމްރާން

ހޯމް މިނިސްޓަރު އިމްރާން، ފުލުހުންގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި

ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ، ފުލުހުންގެ އިދާރާގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުމާ ގުޅޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސީޕީގެ މަގާމުގައި އަދި ހުންނެވީ އޮކްޓޯބަރު އެއްވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އައްޔަންކުރެއްވި ހަމްދޫނެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ އެކްޓިން ސީޕީގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒްގެ ބަދަލުގައެވެ. އޭގެ ކުރިން ހަމްދޫން ހުންނެވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ބަދަލުތަކެއް ގެންނަވައިފައެވެ. އެ އަމުރަށްފަހު ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މަގާމުން ވަކިކޮށް، އެ މަގާމަށް އަހްމަދު ސައުދީ އައްޔަންކުރިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވަނީ ސައުދީ ވެސް މަގާމުން ވަކިކޮށް، އެކްޓިން ސީޕީގެ މަގާމަށް ނަވާޒް އައްޔަކޮށްފައެވެ.