ބޮލީވުޑް

''ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ''އަށް ޕަރިނިތީގެ ބަދަލުގައި ނޯރާ ފަތޭހީ

އަބީޝެކް ދުދައިޔާގެ ފިލްމު "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ"ގައި ސްޕައިއެއްގެ ރޯލު ކުޅުމަށް ބަތަލާ ޕަރިނިތީ ޗޯޕްރާ ހަމަޖެހިފައިވީ ނަމަވެސް އެހެން ފިލްމުތަކެއްގެ މަސައްކަތުގައި ބިޒީވުމުގެ ސަބަބުން އޭނަ ވަނީ ފިލްމު ދޫކޮށްލާފައެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ޕަރިނީތީގެ ރޯލަށް މިހާރު ވަނީ ބަތަލާ ނޯރާ ފަތޭހީ ހަމަޖައްސައިފައެވެ.

ފިލްމާ ގުޅުން ހުރި ފަރާތަކުން މީޑިއާއަށް ދިން އިންޓަވިއެއްގައި ބުނީ ނޯރާ ވަނީ ފިލްމާ ގުޅުން ހުރި ވޯކްޝޮޕްތަކުގައި ވެސް ބައިވެރިވާން ފަށާފައި ކަމަށެވެ. އަދި ސްޕައިއެއްގެ ބޮޑީ ލޭންގުއޭޖް ދަސްކޮށް ޑައިރެކްޓަރާއެކު ޓްރެއިނިންތައް މިހާރު ކުރިއަށްދާއިރު މިމަހު 12ގެ ފަހުން ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުނެފައިވެއެވެ.

ނޯރާ މީގެ ކުރިން ފެނިގެން ގޮސްފައިވަނީ ފިލްމުތަކުގައި "އައިޓަމް" ލަވަތަކުންނެވެ. ނަމަވެސް މިދިޔަ އަހަރު ނެރުނު ސަލްމާން އަދި ކެޓްރީނާގެ ފިލްމު "ބާރަތް"ގައި ނޯރާ ވަނީ ބަތަލާއެއްގެ ގޮތުގައި ފުރަތަމަ ފަހަަރަށް ފެނިގެންގޮސްފައެވެެ. މީގެ އިތުރުން ޖޯން އަބްރަހަމްގެ "ބާތިޔާ ހައުސް" އާއި މިމަހުގެ ތެރޭގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ސްޓްރީޓް ޑާންސާ 3ޑީ" އިންވެސް ނޯރާ ފެނިގެން ދާނެއެވެ.

"ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަކީ 1971 ގައި އިންޑިއާގައި ހިނގި "އިންޑޯ ޕަކް" ހަނގުރާމައިގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ލީޑް ބަތަލުގެ ބައިން ފެނިގެން ދާނީ އަޖޭ ދޭވްގަންއެވެ. އަދި ފިލްމުގައި ސޮނާކްޝީ ސިންހާ އަދި ސަންޖޭ ދަތުވެސް ފެނިގެންދާނެއެވެ.