ހާޑްރޮކް ކެފޭ މޯލްޑިވްސްއިން ދިވެހި ފަންނާނުންނަށް ލޫކާ ސްޓްރިކާގްނޮލީގެ ހާއްސަ ވޯކްޝޮޕެއް ބާއްވައިފިއެވެ.
ކްރޮސް ރޯޑްސްގެ ހާޑްރޮކް ކެފޭގައި މި ވޯކްޝޮޕް ބާއްވާފައިވަނީ މިއަދު ހަވީރު 4:00ން 5:00 އަށެވެ. މި ވޯކްޝޮޕަކީ ދިވެހި މިއުޒިކީ ފަންނާނުންނަށް ތަފާތު ތަޖުރިބާއެއް ކުރެވުނު ވޯކްޝޮޕަކަށް ވަނީ ވެފައެވެ. މި ވޯކްޝޮޕުގައި ދުނިޔޭގެ މަޝްހޫރު ގިޓަރިސްޓް ލޫކާ ސްޓްރިކާގްނޮލީގެ ހުނަރު ވެސް ވަނީ ދައްކާލައިފައެވެ.
މި ވޯކްޝޮޕްގައި ލޫކާ ވަނީ އޭނާގެ އެކޯސްޓިކް ގިޓާ "މަލްޓި ޕްލެޔާޑް، ޓެކްސްޗާޑް އިންސްޓްރުމަންޓް"އަކަށް ބަދަލު ކުރި ގޮތް ބައިވެރިންނަށް ކިޔައިދީފައެވެ.
ލޫކާ ސްޓްރިކާގްނޮލީއަކީ އިޓަލީއަށް އުފަން ގިޓަރިސްޓެކެވެ. ލޫކާ މަޝްހޫރު ވެފައިވަނީ އޭނާ މިއުޒިކް ކުޅުމުގައި ގެންގުޅޭ ހުނަރާއި ސްޓައިލްގެ ސަބަބުންނެވެ. އެ ހުނަރުގެ ސަބަބުން އޭނާއަށް ގިނަ ކާމިޔާބީތަކެއް ހާސިލް ވެފައިވާ އިރު، ޔޫޓިއުބުން 100 މިލިއަނަށްވުރެ ގިނަ މީހުން އޭނާގެ ވީޑިއޯތައް ވަނީ ބަލައިފައެވެ.
ލޫކާ އަކީ ފަސް ގިޓަރ "ކަސްޓަމައިޒް"ކޮށް އެކަތީގެ ގޮތުގައި ކުޅެމުން އަންނަ ފަންނާނެކެވެ. އޭނާގެ އެ ހުނަރުގެ ސަބަބުން ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ބާއްވާ ކޮންސެޓްތަކުން ލޫކާ އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.