އުމުރުން 65 އަހަރު ފުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އޮތުން ބާތިލުކުރަން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާގެ ޖަލްސާގައި އޮތީ އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ރައްޔިތުންގެ މަޖިލީހަށް ފަލާހު އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ މި މަހުހެ 12 ވަނަ ދުވަހުއެވެ. ގާނޫނު އަސާސީއަށް އެ އިސްލާހު ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ފަލާހު މީގެކުރިން ވިދާޅުވެފައިވަނީ އެ އިސްލާހު ހުށަހަޅަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލެވޭ އުމުރު 65 އަހަރަށް ކަނޑައަޅާފައި އޮތުމުން އެކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ގެއްލި، އެބައި މީހުންގެ ހައްގުތައް ވެސް ގެއްލިގެންދާތީ ކަމަށެވެ.
ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އުމުރުން 30 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވެސް ކުރިމަތިލެވެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.