އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 22

އަބްދުﷲ ފާރޫގް ހަސަން

4

(30 ޑިސެމްބަރުގެ އަދަދާ ގުޅޭ)

ހަވޭލީގެ ތެރެއަށް ހިނދުކޮޅަކަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. حـطـم بـن ظبـيعــة ގެ މޫނު ރީނދޫވެއްޖެއެވެ. އޭނާ ކަނޑިހިފައިގެން ތެދުވެއްޖެއެވެ. ނަމަވެސް އޭނާއަށް ކުރިޔަށްދާކަށް ނުކެރުނެވެ. قيس ދުވެވަޑައިގެންފައި ވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ދެން ތިބިމީހުންވެސް އޭނާގެ ފަހަތްޕުޅުން ނުކުންނާން ފަށައިފިއެވެ. ބަސްބުނާހައި ހިނދުން ހަވޭލި ހުސްވެއްޖެއެވެ. ބޭރު ބަގީޗާގައިތިބި މެހުމާނުންނާއި މެހުމާންދާރީ އަދާކުރާ މީހުން ހާސްވެފައިހުރި އަސްވާރަކާ ސުވާލުތައް ކުރަމުން ގެންދެއެވެ. مثــنّـى ވީ ކޮންތަނަކުހެއްޔެވެ؟ ކަލޭ އޭނާ ދުށީ ކޮންއިރަކުހެއްޔެވެ؟ އޭނާގެ އަރިހުގައިތިބީ ކިހާ ސިފައިންނެއް ހެއްޔެވެ؟ އޭނާ ވަޑައިގަންނަވަނީ މިދިމާޔަށްކަން ކަލެއަށް ޔަޤީންހެއްޔެވެ؟"

އޭނާ ބާރަށް ހަޅޭއްލަވަމުން ގެންދެއެވެ. "ކަލާނގެ ގަންދީ ބުނަމެވެ. އޭނާ ވަޑައިގަންނަވަނީ ސީދާ މިދިމާޔަށެވެ. އޭނާގެ އަރިހުގައި ތިބީ ހަތަރު އަސްވާރުންނެވެ. އެބޭފުޅުންގެ ފަހަތްޕުޅުން ލަޝްކަރެއް އައުން އެކަށީގެންވެއެވެ. އަހަރެން އޭނާ ދުށީ މިއަވަށުގެ ދެކުނުގައި އެހެރަ ފަރުބަދަމަތީންނެވެ. އަހަރެން އޭނާގެ ހުދު އަސް އެތައްފަހަރަކު ދެކެފީމެވެ. އެއަސް ފާހަގަކުރުމުގައި އަހަންނަކަށް އޮޅުމެއް ނާރާނެއެވެ."

قيس އޭނާގެ ކަނޑިކޮޅު އުފުއްލަވައިލައްވައިފައި ހަޅޭފުޅު ލައްވައިގެންނެވިއެވެ. مثــنّـى ގެ އަރިހުގައިތިބީ އެންމެ ހަތަރު ސަވާރުންކަމުގައިވާނަމަ އަހަރެމެން ބިރުގަތުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް އޭނާގެ ފަހަތްޕުޅުން ލަޝްކަރެއް އަންނަކަމުގައިވާނަމަ އަހަރެމެން ހަނގުރާމައަށް ތައްޔާރުވާން ޖެހޭނެއެވެ. އަވަހަށް އަސްމައްޗަށް ސަވާރުވާށެވެ. ސަފުތައް ރުކުރުވައިލާށެވެ. ތީރުހެވީން ކުރިޔަށް ނުކުންނާށެވެ."

حـطـم ކުރިޔަށް ޖެހިލައިފައި ބުންޏެވެ. مثــنّـى ހަނގުރާމަކުރެއްވުމުގެ ނިޔަތުގައި ވަޑައިގަންނަވާނަމަ ލަޝްކަރު އޮންނާންވާނީ އޭނާގެ ފަހަތްޕުޅަކު ނޫނެވެ. އޭނާގެ އަރިހުގައެވެ. އަހަރެމެން އެންމެން ހަތަރުމީހުން ދެކެ ބިރުން އުޅޭނެކަމެއް ނެތެވެ. مثــنّـى ގެ މަޤްޞަދަކީ ތިޔަބޭފުޅުންނަށް އިންޒާރުކުރައްވައި ބިރުގަންނަވައިގެން ހަނގުރާމައާ ދުރުހެލި ކުރެއްވުމެވެ. ތިޔަބޭފުޅުން އޭނާގެ ވާހަކަފުޅަށް ހެއްލިވަޑައިނުގަންނަވާށެވެ. قيس އެވެ. އޭނާ މިއަވަށާ ދިމާޔަށް އެވަޑައިގަންނަވަނީ ތިޔަބޭފުޅުންނަކީ ގެރިބަކަރިތަކެއް ނުވަތަ ކަންބަޅިތަކެއްކަމުގައި ހީފުޅުކުރައްވައިގެންނެވެ. ތިޔަބޭފުޅުންގެ ވާޖިބަކީ އޭނާ އެނބުރިވަޑައިގަތަ ނުދެއްވުމެވެ. މިއީ ކަލާގެ ކޮއްކޯފުޅުގެ ދަރިކަލުންނަށް އޭނާގެ ހިތްވަރުފުޅު ގަދަކަން ސާބިތުކުރައްވަން ލިބިވަޑައިގަންނަވާނެ އެންމެ ރަނގަޅު ފުރުޞަތެވެ."

ބަގީޗާގެ އެއްކަނަކުން މީހަކު ގޮވައިލިއަޑު އިވުނެވެ. "އޭނާ އެބަވަޑައިގަނެއެވެ." އެންމެން ޙައިރާންވެގެން އެދިމާޔަށް ބަލާން ފަށައިފިއެވެ. ތަންކޮޅެއް ދުރުން ފަސް އަސްވާރުން އަންނާތީ ފެނިއްޖެއެވެ. އެންމެކުރިޔަށް އިން އަސްވާރުގެ އަސް ބޯކިރުތިއްކެއްހައި ހުދެވެ. ބަލަންތިބި މީހުންނަށް އިންސާނީ ތޫނުފިލިކަމާއި ފުރިހަމަކަމުގެ އެނަމޫނާއަކީ ކޮންބޭފުޅެއްކަން ފާހަގަކުރެވޭކަށެއް ލަހެއްނުވިއެވެ. އަހެކޭ އެއްގޮތަށް އެކަލޭގެފާނުގެ ފަގުޑިކޮޅާއި ގުބާކޮޅުވެސް ހުދެވެ. ސަތޭކަވަރަކަށް ފިޔަވަޅު ދުރަށް އަސް މަޑުކޮށްލައްވައިފައި އެކަލޭގެފާނުގެ އެކުވެރީންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު އަހުގައި ހަންމުށި އަޅުއްވައިފިއެވެ. އެރީތި އަސް ދުވަމުން ފުމެމުން ކުރިޔަށް އަންނާން ފަށައިފިއެވެ. ތީރުހެވީންގެ ސަފާ ދިހަވަރަކަށް ފިޔަވަޅު ކައިރިޔަށް ވަޑައިގެންފައި އަހުގެ ލަގަނަށް ދަންމަވައި މަޑުކޮށްލެއްވިއެވެ. ފަރުވާކުޑަ ގޮތަކަށް އިރުކޮޅަކު ވަށައިގެން ބައްލަވައިލެއްވުމަށްފަހު السّـلام عليكم އެވެ ވިދާޅުވެފައި އަސްމަތީން ފުންމައިލައްވައިފިއެވެ. ކުރިފުޅުމަތީން އެއްވެސް ޖަވާބެއް ލިބިވަޑައިނުގަތުމުން އެކަލޭގެފާނުގެ އަރިހުގައި އައި ސަވާރުންކުރެ އެންމެ ކުރިޔަށްހުރި މީހާގެ އަތަށް އަހުގެ ލަގަން ދެއްވައިފައި ތަންކޮޅެއް ބާރު އަޑުފުޅަކުން ވިދާޅުވިއެވެ. "قيس އެވެ. އަޅުގަނޑު މިއައީ ކަލާއަށާއި ކަލާގެ މެހުމާނުންނަށް ސަލާމަތުގެ މެސެޖާއިގެންނެވެ."

قيس ތީރުހެވީންގެ ފަހަތުގައި ހުންނެވިއެވެ. އޭނާ ކުރިޔަށް ނިކުމެވަޑައިގެން ވިދާޅުވިއެވެ. "مثــنّـى އެވެ! އަޅުގަނޑުމެން ކަލޭގެފާނުގެ ފަރާތްޕުޅަކުން ސަލާމަތުގެ މެސެޖެއް ބޭނުމެއް ނޫނެވެ. ކަލޭގެފާނު ތިޔަވަޑައިގެންނެވިމަގުން އެނބުރިވަޑައިގަންނަވާށެވެ!"

مثــنّـى ވިދާޅުވިއެވެ. "އަޅުގަނޑު މިތަނަށްއައީ އަޅުގަނޑުގެ އަމިއްލަ އިޚްތިޔާރުގައި އަމިއްލައަށެވެ. ބަޙުރައިނުގެ އެއްވެސް ސަހަރާއަކުން ނުވަތަ އެއްވެސް ފަރުބަދައެއްގެ ތެރެއަކުން އަޅުގަނޑު ދަތުރުކުރާނެ މަގެއް ތިޔަބޭފުޅުންނަކަށް އިޚްތިޔާރެއް ނުކުރެއްވޭނެއެވެ. އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ ހަނގުރާމައިގެ ތައްޔާރީތަކުން މާބޮޑު ނުރައްކަލެއް އިޙްސާސް ކުރެވިގެނެއް ނޫނެވެ. އަޅުގަނޑު މިއައީ ބަޙުރައިނުގެ ބިމަށް ބަޙުރައިނުގެ އަހުލުވެރީންގެ ލޭއޮހޮރޭން ނޭދޭތީއެވެ. ޔަމަނުގެ ބާޣީންގެ ޚަބަރު ތިޔަބޭފުޅުންވާނީ އައްސަވައިފައެވެ. ތަމީމްވަންހައިގެ މީހުންނާއި ޔަމާމާގެ އަހުލުވެރީންގެ ވާހަކަވެސް ވާނީ އިވިވަޑައިގެންފައެވެ. އަޅުގަނޑު މިއައީ ޙިޖާޒުން ފާޅުވި ޤާފިލާގެ މަންޒިލްވަނީ ޢަރަބިކަރައިގެ ސަރަޙައްދަށްވުރެ މާދުރުގައޭ ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަންވެގެންނެވެ. މުސްލިމުން ތެދުވީ ޢަޖަމްގެ އެކަތަފަރުބަދަތައް ފަތަޙަކުރުމަށެވެ. އެހެންވީއިރު ޢަރަބި ދެތިން ކެނައަކަށް އެބައިމީހުން ބިރެއް ނުގެންނެވޭނެއެވެ. ތިޔަބޭފުޅުން އެދީނަކާ ދެކޮޅަށް ތިޔަ ބަޣާވަތްކުރެއްވި ދީނަކީ ޢަރަބީން ނިކަމެތިކަމާއި މަގުފުރެދުމާއި ޖާހިލުކަމުގެ ތެރެއިންނެރެ ސަލާމަތްކުރި ދީނެވެ. އިންސާނީ ކަރާމަތާއި މަތިވެރި އަގުތައް ޢަރަބީންނަށް ތަޢާރުފްކޮށްދިން ދީނެވެ. އެއަލިކަން ދެކެވަޑައިނުގަތުމަށްޓަކައި ތިޔަބޭފުޅުންނަށް ލޯފުޅު މަރުއްވައިލެއްވިދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ކާބަފައިންގެ އަނިޔާވެރިކަމާއި ޖާހިލުކަން އެރެއެއްގެ ކަޅުފޮއި އަނދިރިކަމުގެ ތެރޭގައި ފޮރުވިފައިވާ ބިރުވެރިރޭ އަލަކުން އަނބުރައެއް ނުގެންނެވޭނެއެވެ."

قيس ކަންބޮޑުވެވަޑައިގަތުމާއެކު حـطـم بـن ظبـيعــة އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ކުރިޔަށް ޖެހިލައިފައި ބުންޏެވެ. "مثــنّـى އެވެ! މިބޭފުޅުން ކަލޭގެފާނުގެ ވާހަކަފުޅަކަށް ހެއްލިވަޑައެއް ނުގަންނަވާނެއެވެ. ކަލޭގެފާނަކީ ބަޙުރައިނުގެ އަހުލުވެރީންގެ މިނިވަންކަމުގެ ދުޝްމިނެއްކަން މިބޭފުޅުން ރަނގަޅަށް ދެނެވަޑައިގަނެއެވެ. ކަލޭގެފާނު މިތަނަށް ތިޔަވަޑައިގަތީ ޖުވާޘާގައި އަޅުގަނޑުމެން ކަލޭގެފާނުގެ އެކުވެރީން ވަށައިލައިގެން ތިބޭތީ އެބައިމީހުންނަށް ދަތިބޮޑުވެގެންނެވެ. ނަމަވެސް މިހާރު ވާހަކަދެއްކުމުގެ ވަގުތު ފާއިތުވެއްޖެއެވެ. މުސްލިމުން ފަނާކޮށް ނައްތައިލުމަކީ މިހާރު ބަޙުރައިނުގެ އެންމެންގެ މައްސަލައަކަށް ވެއްޖެއެވެ. ކަލޭގެފާނަކަށް މިބޭފުޅުން ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުން މަނައެއް ނުކުރެއްވޭނެއެވެ. އަޅުގަނޑުމެންވެސް ތިޔަބޭފުޅުން ވަށައިލައިގެން މާގިނަދުވަހަކު ތިބޭކަށެއް ބޭނުމެއް ނޫނެވެ. ކަލޭގެފާނު މިއަދު މިތަނަށް ވަޑައިނުގެންނެވިނަމަ ދެދުވަހެއްގެފަހުން އަޅުގަނޑުމެންނާ ޖުވާޘާގެ މައިދާނުން ބައްދަލުވެވަޑައިގަތީހެވެ. ނަމަވެސް މިހާރު ކަލޭގެފާނު އެނބުރިވަޑައިގަންނަވާކަށް އަޅުގަނޑު ޤަބޫލެއް ނޫނެވެ. އަޅުގަނޑު އެދެނީ މުސްލިމުން ލޭއޮހޮރުވުމަކާނުލައި ހަތިޔާރު ބެހެއްޓުމެވެ. އެމީހުންގެ ތެރޭގައި ކަލޭގެފާނު ހުންނެވިއްޔާ އެންމެފަހު މީހާއަށް ދާންދެން އެބައިމީހުން ލައްވައި ހަނގުރާމަ ކުރުއްވާނޫއެވެ. އެހެންކަމުން ދެބައިމީހުންނަށްވެސް ރަނގަޅުވާނީ ކަލޭގެފާނު ހަނގުރާމައިގައި ބައިވެރިވެވަޑައިނުގަތުމެވެ. މިވަގުތު ކަލޭގެފާނު ތިޔަހުންނެވީ ސަތޭކަ ފަންސާހެއްހައި ތީރުހެވީންގެ ދުނީގެ އަމާޒުފަތްގަނޑަކަށެވެ. އެހެންކަމުން ފިލައިވަޑައިގަންނަވާން މަސައްކަތްކުރެއްވުންވާނީ ބޭކާރުކަމަކަށެވެ. އަޅުގަނޑު ކަލޭގެފާނަށް ހަތިޔާރުތައް އުއްކަވައިލައްވަން އަމުރުކުރަމެވެ. އަޅުގަނޑު ވަޢުދުވަމެވެ. ކަލޭގެފާނު ބަންދުގައި ބަހައްޓާނީ ހަނގުރާމަ ނިމެންދެނެވެ."

ކޯފާގެ ސަބަބުން مثــنّـى ގެ މޫނުފުޅު ރަތްވެގެންދިޔައެވެ. އެކަލޭގެފާނު ފޫހިފުޅުކަމާއި ނިކަމެތިކޮށް ހިތްތެވުމުގެ ބެއްލެވުމަކުން حـطـم އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އަހަރެން މިއައީ قيس ގެ ހަވޭލި ހަނގުރާމައިގެ މައިދާނަކަށް ހަދާކަށެއް ނޫނެވެ. ނަމަވެސް ކަލެއަށް އަމްނުއަމާންކަމާއި އިންސާނީވަންތަކަމުގެ މާނަ ނޭނގޭކަމަށްވާނަމަ އަހަރެން ބުނެދެމެވެ. އަހަރެން ފިލައިގެންދާކަށް މަސައްކަތެއް ނުކުރާނަމެވެ. އަހަރެމެންގެ ތިބީ ފަސްމީހުންނެވެ. ނަމަވެސް އަހަރެމެންގެ ހަތިޔާރުތައް އަތުލެވުމުގެ ކުރީން ކަލޭމެންނަށް ކަލޭމެންގެ ވިއްސަކަށް މީހުންގެ ފުރާނަނެތް ހަށިތައް މިތަނުން ގެންދާންޖެހޭނެއެވެ. އަދި އެހިސާބަކުންވެސް ހަނގުރާމައެއް ނުނިމޭނެއެވެ. އަހަރެންގެ ލޭގެފޮދުވަރެއް މިބިމަށް އޮހިއްޖެނަމަ قيس ގެ މުޅި ޚާންދާނުގެ ލެއިންވެސް މިބިމުގެ ލޭބުއިމުގެ އަލައެއް ނުކެނޑޭނެއެވެ."

حسّان ތަންކޮޅެއްދުރުގައި އޭނާގެ އަހުގެ ކައިރީގައި ހުންނަވައިފައި ދުވެވަޑައިގެންފައި ވަޑައިގެން ތީރުހެވީންގެ ކުރިމަތީގައި مثــنّـى ގެ ނިވާފަށްގަނޑަކަށް ވެވަޑައިގެން ހުއްޓިވަޑައިގެންފިއެވެ. އޭނާ مثــنّـى އާއި އެކަލޭގެފާނުގެ އެކުވެރީންނާ ދިމާޔަށް އެނބުރިވަޑައިގެން ހަރުއަޑުފުޅުން ވިދާޅުވިއެވެ. "ތިޔަބޭފުޅުންގެ ޢަދަދަކީ ފަހެކެއް ނޫނެވެ. ހައެކެވެ."

قيس ކުރީން ހުންނެވީ ޖެހިލުންވެވަޑައިގަތުމާއި ކަންބޮޑުވެވަޑައިގަތުމާއެކު އެއްފަހަރު مثــنّـى ގެ މޫނުފުޅަށް އަނެއްފަހަރު حـطـم ގެ މޫނަށް އަނެއްފަހަރު مثــنّـى ގެ އެކުވެރީންނާ ދިމާޔަށް ބައްލަވަބައްލަވައެވެ. ނަމަވެސް އެމަންޒަރު ފެނިވަޑައިގަތުމުން އޭނާ ހަމަހިމޭންކަމާއެކު އިސްދަށަށް ޖައްސަވައިލެއްވިއެވެ. އޭނާގެ ދަރިކަލުންނާއި ޢާއިލާގެ ބޭފުޅުން ކޯފާވެގެން އެބޭފުޅުންގެ ތުންފަތްޕުޅުތައް ހައްޕަވަހައްޕަވައި ތިއްބެވިއެވެ.

حسّان ވިދާޅުވިއެވެ. "މާބެއެވެ! ރޫމީންނާއި ފާރިސީންގެ ހަނގުރާމައިން އަޅުގަނޑަށް ދަސްވީ އެންމެ ފިލާވަޅެކެވެ. އެއީ އަމްނާއި ޞުލްޙައިގެ މެސެޖު ގެންނަ މީހުންނާ ދެކޮޅަށް ކަނޑި އުފުލާ މީހުންނަށް އަބަދުވެސް ލިބޭނީ ނާކާމިޔާބުކަމެވެ. އީރާނު ހަލާކުވެގެންދިޔައީ ހިރަގުލް ހުށަހެޅުއްވި ޞުލްޙައިގެ ހުށަހެޅުއްވުން ޚުސްރޫޕަރުވޭޒު ޤަބޫލު ނުކުރެއްވުމުގެ ސަބަބުންނެވެ. އަޅުގަނޑަކަށް މުސްލިމުންނާ ބެހޭގޮތަކުން އެކައްޗެއްވެސް ނޭނގެއެވެ. ނަމަވެސް އެބައިމީހުންގެ ތެރޭގައި مثــنّـى بــن حــارثـــة ފަދަ އެހެންބޭފުޅުންވެސް ތިއްބެވިކަމުގައިވާނަމަ މާބެމެން މުސްލިމުންނާ ހުރަހޮޅިވެވަޑައިގަތުމުގެ ގޯސް ނަހައްދަވާށެވެ."

مثــنّـى ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު حسّان ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "ޒުވާނާއެވެ! އަހަރެން ކަލެއަށް ޝުކުރުވެރިވަމެވެ. قيس ގެ ޤަބީލާގެ އެކަކަށްވެސް އަހަންނާ ޙަމަލަދޭކަށެއް ނުކެރޭނެއެވެ. ދެން ހަނގުރާމައަށް ސަފުހަދައިގެންތިބި މީހުންނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު އެނބުރި ދަނީއެވެ. ނަމަވެސް އޭގެކުރިން ދަންނަވަމެވެ. އަޅުގަނޑާއެކު ތިބީ ހަމައެކަނި މިތިބަ ހަތަރު އަސްވާރުންނެއް ނޫނެވެ. އަޅުގަނޑު މިދަނީ އަޅުގަނޑުގެ ޤަބީލާގެ ފަސްސަތޭކަ ޒުވާނުންނާއެކު ޖުވާޘާއަށެވެ. މަގުމަތިން އަޅުގަނޑަށް ޚަބަރުލިބުނީ މިހިސާބުގަނޑުގެ ޤަބީލާތަކުގެ ބޮޑުން މިގެއަށް އެއްވެވަޑައިގަންނަވާ ވާހަކައެވެ. އަދި ތިޔަބޭފުޅުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެވަޑައިގަންނަވަން ޤަޞްދުކުރައްވާ ވާހަކައެވެ. އެޚަބަރު ލިބުމުން އަޅުގަނޑުގެ އެކުވެރީން މަގުމަތީގައި މަޑުކުރުވައިފައި މިތަނަށް އައީއެވެ. ހަނގުރާމައިގެ މަޤްޞަދުގައި އަޅުގަނޑުއައިނަމަ މިހާރު މިބަގީޗާގައިހުރީހީ ތިޔަބޭފުޅުންގެ ހަށިކޮޅުތަކެވެ. އަޅުގަނޑުއައީ އަޅުގަނޑަށް ތިޔަބޭފުޅުން ގެއްލެނިވުމާއި ހަލާކުން ސަލާމަތްކުރެވިދާނެކަމުގެ އުންމީދުގައެވެ. އަޅުގަނޑު އެދެނީ ތިޔަބޭފުޅުން ވަކިގޮތެއް ނިންމެވުމުގެކުރީން ރަނގަޅަށް ވިސްނައިވަޑައިގަތުމެވެ. މުސްލިމުންނާ ހަނގުރާމަކުރެއްވުން ނުވަތަ ޞުލްޙަވެވަޑައިގަތުމާއިމެދު ވަކިގޮތެއް ނިންމަވާކަށް ހަފްތާއަކަށްވުރެ ދިގުމުއްދަތެއް ތިޔަބޭފުޅުންނަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. ޖުވާޘާގައި ބާޣީން ޙިޞާރުކޮށްފައިވާ މުސްލިމުންނާ އެހީވާން މަދީނާއިން ލަޝްކަރެއް އެބައާދެއެވެ. އިއްޔެއާ ޖެހެންދެން މުސްލިމުންގެ ދުޝްމިނުންގެ ގޮތުގައި ތިބި ތަމީމްވަންހައިގެ މީހުންވެސް އެލަޝްކަރުގައި ބައިވެރިވެއްޖެއެވެ. އެމަތިވެރި ލަޝްކަރުގެ ކޮންމެ ސިފައިންގެ މީހެއްގެ އީމާނަކީ ފަތަޙަ ނުވަތަ ޝަހީދުވުންކަމުގައި ހިމެނޭ ލަޝްކަރު ހަފްތާއެއްގެ ތެރޭގައި ޖުވާޘާއަށް އަންނާނެއެވެ. އޭގެފަހުން ވާނެގޮތެއް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑު ހަމައެކަނި ދަންނަވާނީ އޭގެފަހަކުން حـطـم بـن ظبـيعــة ކަހަލަ މީހުންގެ އަނގައިން ހަނގުރާމައިގެ ވާހަކައިގެ އަޑެއް ނުއިވޭނެ ވާހަކައެވެ. ތިޔަބޭފުޅުންގެ ނަސީބުފުޅު ދެރަކަމުން ބަޙުރައިނުގައި އިސްލާމީ ދިދަ ޖެއްސެވުމުގެ ފުރުޞަތެއް ލިބިވަޑައެއް ނުގަތެވެ. ނަމަވެސް މުސްލިމުންގެ ލަޝްކަރު އީރާނާ ދިމާޔަށް ފިރުކެންފަށާއިރު، ސަހަރާގައި ދިރިއުޅޭ މީހުން ޢަޖަމްގެ އަނިޔާވެރި ވެރީންގެ ގުބާތައް ނޮޅަމުންގެންދާއިރު ޙިޖާޒުގެ މީހުންނަށްވުރެ އެއްވެސް މައިދާނެއްގައި ފަހަތުގައި ތިއްބަވާކަށް ތިޔަބޭފުޅުންގެ ދަރިދަރިކަލުން ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. اللّـه ގެ ދީނުގެ އަލިކަމުގެ ތެރެއިން ޢަރަބީންނަށްވަނީ އެބައިމީހުންގެ މުސްތަޤްބަލުގެ މަންޒިލުތައް ފެނިފައެވެ. ބަޙުރައިނުގެ މުސްތަޤްބަލު ޢަރަބިކަރައިގެ މުސްތަޤުބަލަކާ ވަތްކެއް ނުކުރެވޭނެއެވެ. قيس އެވެ! އަޅުގަނޑު މިއައީ ތިޔަބޭފުޅުން ހަލާކުން އެއްކިބާކުރެވޭތޯއެވެ. އަޅުގަނޑަކީ ތިޔަބޭފުޅުންގެ ދުޝްމިނެއް ނޫނީމެވެ. އޭ قيس އެވެ! رسـول اللّـه صلّى اللّـه عليه وسلّم، اللّـه ގެ ދީނަށް ޢަރަބީންނަށް ގޮވައިލެއްވިހިނދު ބަޙުރައިނުގެ އަހުލުވެރީންވެސް އެކަލޭގެފާނުގެ ބަސްފުޅަށް އާދޭހޭ ދެންނެވި މީހުންގެ ތެރޭގައި ހިމެނޭކަމަށާއި، މިހަނަފަސް ބިމަށް اللّـه ގެ ރަޙުމަތުގެ ވާރޭވެހޭން ފެށުމުން ތިމަންމެންގެ ކާބަފައިކަލުންވެސް އެބޭކަލުންގެ ފަސްބައިކޮޅު ފެތުރުއްވިކަމަށާއި އިސްލާމީ މުޖާހިދުން އިރުމައްޗާއި ހުޅަނގުގެ މައިދާންތަކުގައި ފަތަޙައިގެ ދިދަ ޖައްސަވަމުން ގެންދެވިއިރު ތިމަންމެންގެ ކާބަފައިކަލުންވެސް ޢަރަބީންގެ އެއްވެސް ޤަބީލާއަކަށްވުރެ ފަހަތަށް ޖެހިވަޑައިނުގަންނަވާކަމަށް ކަލޭގެފާނުގެ ނަސްލުގެ ބޭފުޅުން ފަޚުރުވެރިކަމާއެކު ވާހަކަ ދެއްކެވުމަކީ ކަލޭގެފާނު އެދިވަޑައިގަންނަވާ ކަމަކަށް ނުވަނީތޯއެވެ؟

(ނުނިމޭ)