ބޮލީވުޑްގެ ބާދްޝާ ޝާހުރުކް ޚާން ވަނީ އޭނާގެ އަލީބާގް ގޭގައި އާއަހަރު ފެށުމުގެ ޕާޓީއެއް ބާއްވާފައެވެ.
މި ޕާޓީއަށް އާއިލާގެ ގާތް މީހުން ގޮސްފައިވާއިރު އެންމެންގެ ނަޒަރު އެންމެ ބޮޑަށް ހުއްޓިފައިވަނީ ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާން ލައިގެން ހުރި ހެދުމަށެވެ.
ޑްރެގަން އިންސްޕަޔާޑް އެ ހެދުން ޑިޒައިން ކޮށްފައިވަނީ ބޭރުގެ ޑިޒައިނަރެއް ކަމަށްވާ "ބަލްމަން" އެވެ. ބަލްމަން އަކީ އިންޓަނޭޝަނަލް ތަރި ކިމް ކާޑިޝިއަންވެސް އެންމެ ގަޔާވާ އެއް ޑިޒައިނަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަލްމަން އަކީ ސުހާނާއަށްވެސް މާކަމުދާ ޑިޒައިނަރެކެވެ.
އަތްދިގު ކަޅު ކުލައިގެ ކަކުލާ ހަމައަށް ހުރި އެ ހެދުމުގައި އެއް އަރިއަށް ވާހެން ޑްރެގަނެއް ޖަރީކޮށްފައި ހުރިއެވެ. މި ހެދުމުގެ އަގަކީ 4050 ޑޮލަރެވެ. އެއީ 2.9 ލައްކަ އިންޑިއަން ރުޕީސްއެވެ.
ޝާހު އަންހެނުން އަދި ސުހާނާގެ މަންމަ ގޯރީ ވަނީ ސުހާނާ އެ ހެދުމާއެކު ފެންނަ ފޮޓޯތަކެއް އިންސްޓަގްރާމް ކޮށްފައެވެ.
ސުހާނާ އަކީވެސް ވަރަށް ސޯޝަލް ސްޓާ ކިޑެއް ނަމަވެސް އޭނާގެ އިންސްޓަގްރާމު ގެންގުޅެނީ ޕްރައިވެޓްކޮށެވެ. އެކަމަކު ދޭތެރެ ދޭތެރެއިން އޭގައި ހުންނަ ފޮޓޯތަކާއި ސްޓޯރީތައް މީސްމީޑިއާގައި ވައިރަލް ވެގެން ދެއެވެ. ސުހާނާގެ އިންސްޓަގްރާމު ސްޓޯރީގައި އާއަހަރުގެ ޕާޓީގެ ބައެއް ވީޑިއޯތައް އޭނާ ވަނީ ހިއްސާކޮށްފައެވެ.
މިވަގުތު ސުހާނާ ގެންދަނީ އެމެރިކާއިން އެކްޓިން ކިޔަވަމުންނެވެ. ބޮލީވުޑަށް ވަނުމުގެ އަޒުމުގައި އެކްޓިންއަށް ސުހާނާ ތައްޔާރުވަމުން އަންނަ އިރު ވަރަށް އަވަހަށް ޑެބިއު ފިލްމުން ފެނިގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.