ބޮލީވުޑުގެ ގިނަ ބްލޮކްބަސްޓާތަކެއް ރިލީސްކޮށް އަކްޝޭ ކުމާރު މިވަނީ ބޮކްސް އޮފީހުގެ އެންމެ އުހުގައި ފިޔަޖަހާ އެއް ތަރީގެ މަގާމު ހޯދާފައެވެ.
މިދިޔަ އަހަރު އެކަނިވެސް އޭނާ ވަނީ ހިޓް ހަތަރު ފިލްމު ރިލީސްކޮށްފައެވެ. އެއީ "ކޭސަރީ"، "މިޝަން މަންގަލް"، "ހައުސްފުލް 4" އަދި އަހަރު ނިންމުމަށް ރިލީސްކުރި ފިލްމު "ގުޑް ނިއުޒް" އެވެ.
މާޗް މަހު ފިލްމު ކޭސަރީ ރިލީސްކޮށްފައިވާއިރު އެފިލްމުން އެކަނިވެސް އަކްޝޭއަށް ވަނީ 151.87 ކްރޯޑްގެ ފައިދާއެއް ލިބިފައެވެ. އެއަށްފަހު ވިދްޔާ ބާލަން އާއެކު ފެނިގެން ދިޔަ ސްޕޭސް ޑްރާމާ ފިލްމު "މިޝަން މަންގަލް" އިން އޭނާއަށް 192.67 ކްރޯޑްގެ އާމްދަނީއެއް ލިބިފައި ވެއެވެ.
އަކްޝޭގެ މަގުބޫލު ފްރެންޗައިޒް ފިލްމު "ހައުސްފުލް"ގެ ހަތަރުވަނަ ބައި ވަނީ އަަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމަށެވެ. އެފިލްމުން އަކްޝޭއަށް ވަނީ 205.60 ކްރޯޑް ލިބިފައެވެ.
"ގުޑް ނިއުޒް" ރިލީސްކުރިތާ އަދި ހަފުތާއެއް ވީއިރު މިހާރުވެސް އެފިލްމަށް 115.75 ކްރޯޑް ވަނީ ލިބިފައެވެ.
މުޅި އަހަރަށް ބަލާއިރު އަކްޝޭއަށް ވަނީ 665.89 ކްރޯޑް ބޮކްސް އޮފީހުން އެކަނި ލިބިގެން ގޮސްފައެވެ.
މިދިޔަ އަހަރުގެ ބޮޑު ކާމިޔާބީއާއެކު މިއަހަރުވެސް އަކްޝޭގެ ގިނަ ފިލްމުތަކެއް ރިލީސްކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި "ސޫރްޔަވަންޝީ"، "ލާކްސްމީ ބޮމް" އަދި "ޕްރިތުވިރާޖް" ހިމެނެއެވެ.