އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)

ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް އައިއޭސީ އިން އާ ކެމްޕޭނެއް ފަށައިފި

މަރިޔަމް ޝަހުދާ

"މަސްދަޅު ހަދިޔާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިނަށް ފަހު، ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް "ސަވައިވް ވިންޓާ" ގެ ނަމުގައި އިތުރު ކެމްޕެއިނެއް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ފަށައިފިއެވެ.

އައިއޭސީގެ "ސަވައިވް ވިންޓާ" ކެމްޕެއިނަކީ ޖެނުއަރީ 15ގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އޭއައިސީ އިން ބުނީ މި ކެމްޕެއިންގެ ދަށުން ހަތަރު ގައުމަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެއީ ފަލަސްތީން، ޔަމަން، ބަންގްލަދޭޝް އަދި ސީރިއާއަށެވެ.

މި ކެމްޕެއިނުގެ ފަރާތުން ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވަނީ ރަހްމާ ވޯލްޑްވައިޑް، އަލް ފަލާހް އަދި އޭޝިއާ ޗެރިޓީގެ އެހީތެރިކަމާއެކު ކަމަށް އޭއައިސީން ބުނެއެވެ. އަދި ޔަމަން، ބަންގްލަދޭޝް އަދި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަަޖައްސާފައިވަނީ އައިއެޗްއެޗް ޓާކީގެ އެހީއާއެކު ކަމަށް އައިއޭސީން ބުނެއެވެ.

އައިއޭސީން ބުނީ މި ހަތަރު ގައުމަށް އެހީވުމަށް ވަކި ހަތަރު އެކައުންޓެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި މި ކެމްޕެއިނުން ލިބޭ އެހީން ފިނި މޫސުމުގައި ލާ ހެދުން، ހީޓާ ޕްރޮޖެކްޓްސްގެ އިތުރުން ކާއެއްޗެހި އަދި ބޯހިޔާވަހިކަން މި ހަތަރު ގައުމުގައި ހާލުގައި ޖެހިފައި ތިބި މީހުނަށް ފޯރުކޮށްދޭނެ ކަމަށް އައިއޭސީން ބުނެއެވެ.

މި ކެމްޕެއިނާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅައިގެން މައުލޫމާތު ލިބޭނެ ކަމަށް އައިއޭސީން ބުނެއެވެ.