ބޮލީވުޑް

މިއަހަރު އެންމެ ގިނައިން ފެންނާނީ މިބަތަލާއިންގެ ފިލްމުތައް

މިދިޔަ އަހަރަކީ ބޮލީވުޑްގެ ބަތަލާއިންވެސް ކުރިއަށް ޖެހިލައި މޮޅު ފިލްމުތަކެއް ރިލީސްކުރި އަހަރެކެވެ. އޭގެ ތެރޭގައި އާލިޔާ ބަޓް، ކަންގްނާ ރާނޮތު، ބޫމީ ޕެޑްނޭކަރު އަދި ތާޕްސީ ޕަންނު ހިމެނެއެވެ.

މިއަހަރު އެއަށްވުރެ ބޮޑަށް ބޮލީވުޑްގައި އަންހެންތަރިންގެ އަޑު ގަދަވާނެއެވެ. މުޅި އަހަރުތެރޭ، މި ފާހަގަ ކޮށްލާ ބަތަލާއިންގެ ގިނަ ފިލްމުތަކެއް ރިލީސްކުރަން ހަމަޖެހިފައިވާއިރު ފިލްމުތައް ތަފާތުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާލިޔާގެ ހަތަރު ފިލްމާއި ކަންގްނާގެ އެކްޝަން ޑްރާމާ ތިން ފިލްމާއެކު މިއަހަރު ފިލްމުތަކުން ފިޔަޖަހާނެ ބަތަލާއިން ތިރީގައި އެވަނީއެވެ.

އާލިޔާ ބަޓް

އާލިޔާ އަކީ ބޮލީވުޑްގައި އެންމެ ބޮޑަށް ފިޔަޖަހަމުން އަންނަ ޒުވާން އެއް ބަތަލާއެވެ. މިއަހަރު އެކަނިވެސް އާލިޔާގެ ބޮޑު ހަތަރު ފިލްމު ރިލީސްކުރަން ވަނީ ހަމަޖެހިފައެވެ.

އާލިޔާގެ ބައިވެރިޔާ ރަންބީރު ކަޕޫރާއެކު ފެނިގެންދާ ސުޕާހީރޯ ޑްރާމާ ފިލްމު "ބްރާމަސްތުރާ" އަހަރުގެ ކުރީކޮޅު ރިލީސްކުރާނެއެވެ.

ސައުތުގެ ފިލްމެއް ކަމަށްވާ "ތިން އާރު" ގައި މުހިންމު ރޯލަކުން އާލިޔާ ފެނިގެންދާއިރު ބައްޕަ މަހޭޝް ބަޓްގެ ފިލްމު "ސަޅަކް 2" ކުންވެސް އޭނާ ފެނިގެންދާނެއެވެ.

ހަތަރުވަނަ ފިލްމަކަށް ސެޕްޓެމްބަރު 11ގައި "ގަންގޫބައީ ކާތިއަވާދީ" ރިލީސްކުރަން ވަނީ ހަމަޖެހިފައެވެ. ފިލްމުގައި އާލިޔާ ފެނިގެންދާނީ ތަފާތު ރޯލަކުންނެވެ. ބަތަލެއްގެ ރޯލުން އަޖޭ ދޭވްގަން މި ފިލްމުން ފެނިގެންދާނެއެވެ.

ކަންގްނާ ރާނޮތު

ކަންގްނާ ގެ މިއަހަރު ތިން ފިލްމެއް ރިލީސްކުރަން ހަމަޖެހިފައިވާއިރު ތިން ފިލްމަކީވެސް އެކްޝަން އަދި ޑްރާމާ ފިލްމެވެ.

ފުރަތަމަ ފިލްމެއްގެ ގޮތުން، ރިޓަޔަ ކޮށްފައިވާ ކަބައްޑީ ކުޅުންތެރިޔެއްގެ ރޯލުން ފިލްމު "ޕަންގާ" އިން ޖެނުއަރީ 24ގައި ކަންގްނާ ފެނިގެންދާނެއެވެ. ޖޫން 26ގައި އިންޑިއާގެ ސިޔާސީ ފަރާތެއް ކަމަށްވާ ޖަޔާލަލީތާގެ ބައޯޕިކް "ތަލައިވީ" ރިލީސް ކުރާއިރު އަހަރު ނިމުމުގެ ކުރިން އޮކްޓޯބަރުގައި އެކްޝަން ފިލްމު "ދާކަޑް" ރިލީސް ކުރާނެއެވެ. މި ފިލްމުގައި ކަންގްނާގެ އެކި އެކްޝަން ސްޓަންޓްސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިއާރާ އަދްވާނީ

މިއަހަރު ކިއާރާގެ ވެސް ހަތަރު ފިލްމެއް ރިލީސްކުރަން އޮތީ ހަމަޖެހިފައެވެ.

އެގޮތުން އަކްޝޭ ކުމާރާއެކު ހޮރޯ ޑްރާމާ ފިލްމު "ލަކްސްމީ ބޮމް" ފުރަތަމަ ފިލްމެއްގެ ގޮތުގައި އީދުގައި ރިލީސްކުރާނެ އެވެ.

އެއަށްފަހު ސޯލޯ ފިލްމެއްގެ ގޮތުގައި "އިންދޫ ކީ ޖަވާނީ"އިން ކިއާރާ ފެނިގެންދާނެއެވެ. މި ފިލްމަކީ ލޯބީގެ ކޮމެޑީ ފިލްމެކެވެ. އޮންލައިން ޑޭޓިން އެޕުން ހަގީގީ ލޯބި ހޯދަން ކިއާރާ ކުރާ މަސައްކަތް މި ފިލްމުން ފެނިގެންދާނެއެވެ.

ހޮރޯ ކޮމެޑީގެ ގޮތުގައި "ބޫލް ބުލައްޔާ 2"ކުން ކިއާރާ ފެނިގެންދާނެއެވެ. އެފިލްމު ރިލީސް ކުރަނީ 31 ޖުލައިގައެވެ. އަހަރު ނިމުމުގެ ކުރިން ސިދާތު މަލޯތުރާ އާއެކު "ޝޭޝާހް" އިން ކިއާރާ ފެނިގެންދާއިރު މި ފިލްމު ރިލީސްކުރާނެ ތާރީހެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

ބޫމީ ޕެޑްނޭކަރު

މިދިޔަ އަހަރު ކާމިޔާބު ފިލްމުތަކެއް ރިލީސްކުރުމަށްފަހު މިއަހަރުވެސް ބޫމީގެ އެންޓަޓެއިން ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ.

އެގޮތުން ފެބްރުއަރީގައި ވިކީ ކުޝާލް އާއެކު "ބޫތު: ޕާޓްވަން - ދަ ހައުންޓަޑް ޝިޕް" އިން ބޫމީ ފެނިގެންދާއިރު އެއަށްފަހު އަޔުޝްމަން ކުރާނާއާ އެކު "ޝުބް މަންގަލް ޒިޔާދާ ސާވްދާން" އިން ވެސް ހަމަ އެމަހު އޭނާ ފެނިގެންދާނެ އެވެ.

ކަރަން ޖޯހަރުގެ ފިލްމު "ތަހްތު"އިން ވެސް ބޫމީ ފެނިގެންދާނެ އެވެ. އަދި އަކްޝޭ ކުމާރުގެ ފިލްމު "ދުރްގާވަތީ" ގައި ލީޑް ރޯލުން ބޫމީ ފެންނާނެއެވެ.

ޖާންވީ ކަޕޫރު

މިއަހަރު ޖާންވީގެ ފުރަތަމަ ފިލްމެއްގެ ގޮތުގައި އިންޑިއަން އެޔާ ފޯސް ޕައިލޮޓް ގެ ބައޯޕިކް "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް" ރިލީސްކުރަން ވަނީ ހަމަޖެހިފައެވެ. މާޗް 13ގައި ރިލީސްކުރާ މި ފިލްމުގައި ޖާންވީ ފްލައިޓް ދުއްވާތަން ފެނިގެންދާނެއެވެ.

އެއަށްފަހު ރާޖްކުމާރު ރާއޯ އާއެކު "ރޫހީއަފްޒާ"އިން ޖާންވީ ފެނިގެންދާނެއެވެ. ހޮރޯ ކޮމެޑީ މިފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އޭޕްރިލް 17ގައެވެ.

ކާތިކް އާރްޔަން އަދި ލަކްޝިޔާ އާއެކު "ދޯސްތާނާ 2" އިންވެސް ޖާންވީ ފެނިގެންދާއިރު ކަރަން ޖޯހަރުގެ ފިލްމު "ތަހްތު"ގައިވެސް މުހިންމު ރޯލަކުން އޭނާ ފެނިގެންދާނެއެވެ. އެފިލްމު މިއަހަރު ޑިސެމްބަރުގައި ރިލީސްކުރަން ވަނީ ހަމަޖެހިފައެވެ.