އެސްޓީއޯ

އާ އަހަރާއެކު އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހާއްސަ ހަދިޔާ ވައުޗަރެއް!

އާ އަހަރާއެކު އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯގެ ފަރާތުން ހާއްސަ ހަދިޔާ ވައުޗަރެއް ދޭން ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް މާކެޓިންގެ ސީނިއާ މެނޭޖަރު ޝުރުފާ "ވަން" އަށް ވިދާޅުވީ، އަލަށް އުފަންވާ ކުދިންނަށް ހާއްސަ ހަދިޔާގެ ވައުޗަރެއް ދޭން ފެށީ މިއަދު ކަމަށެވެ. އަދި އެއީ ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުން ދޭން ވެފައިވާ ވައުދުގެ ތެރެއިން ދޭ ތަންމަތި ފޮށި ނޫން ކަމަށް ވިދާޅުވިއެވެ.

ޝުރުފާ ވިދާޅުވީ، އެ ވައުޗަރު މިއަދު ދޭން ފަށާފައިވަނީ އައިޖީއެމްއެޗުން އުފަންވާ ކޮންމެ ކުއްޖަކަށް ކަމަށާއި ވައުޗަރު ހިފައިގެން އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ފާމަސީއަށް ލިބުން ހަދިޔާ ލިބޭނެ ކަމަށެވެ.

ނަމަވެސް އެއް ފަހަރު ބޭނުންކުރެވޭ އެ ވައުޗަރަށް ދޫކުރާނީ އެސްޓީއޯއިން ކަނޑައަޅާ ހާއްސަ ހަދިޔާއެކެވެ. އޭގެ ތެރޭގައި ހަގީސް ބުރޭންޑުގެ ނެޕީ އާއި ހަގީސް ވެޓް ޓިޝޫފަދަ ތުއްތު ދަރިފުޅަށް މުހިންމު ގިނަ އައިޓަމްތަކެއް ހިމެނޭނެއެވެ.

ޝުރުފާ ވިދާޅުވީ، ވައުޗަރު ބޭނުން ކުރެވޭނީ ޕޭޝަންޓާ ވައުޗަރު ހަވާލު ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމަށާއި ވައުޗަރު ގެއްލިގެން، ވަގަށް ނަގައިގެން ނުވަތަ ހަލާކުވެގެން ވައުޗަރުގެ ބަދަލެއް ނުދެވޭނެ ކަމަށެވެ.

އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާގެ ވައުޗަރެއް މިއަދުން ދޭން ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ހޮސްޕިޓަލުތަކުގައި އުފަންވާ ކުދިންނަށް އެ ވައުޗަރު ދޭނެ ކަމަށް ވެސް ޝުރުފާ ވިދާޅުވިއެވެ.